އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވެގެން އުޅެނީ ދެމެހެއްޓެނިވި އިން ފޫ އަޅުވާ، ގައުމީ އިގުތިސޯދު ގުރުބާން ކުރާ ދަރަޖައަށް އުފުލިފައިވާ ދަރަނިތަކުގެ ސަބަބުން، އެ ދަރިނަތައް ހަލާސް ކުރުމާ ގުޅިފައިވާ "ސޯލްވަންސީ" މައްސަލަތަކެއް ކަމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ ރިޕޯޓް ބުނެފިއެވެ.
ސޯލްވަންސީއަކީ ދިގުމުއްދަތުގެ ރާސްތާގެ ދަރަންޏާއި އެނޫންވެސް މާލީ ޒިންމާތައް އަދާ ކުރުމަށް ބައެއްގެ ގާބިލިއްޔަތުކަން ހުރި/ނެތް މިންވަރު ވަޒަން ކުރުމަށް ގެންގުޅޭ، މާލީ ހާލަތު ބަޔާންކޮށްދޭ މިންގަނޑެކެވެ.
ސްރީލަންކާގެ ދަރަނި ކުޑަކުރުމަށްޓަކާ ފިސްކަލް ކޮންސޮލިޑޭޝަން ނުވަތަ ދައުލަތުގެ ދަރަނި ފޫބައްދަން ޖެހޭ ކަމަށާ، އެކަން ހާސިލު ކުރުމަށްޓަކާ ކުރިއަށް އޮތް އަހަރުތަކުގައި މުހިންމު ކަންތައްތަކަށް ބަދަލު ގެންނަންޖެހޭ ކަމަށާ، މިކަންކަން އިޝާރާތް ކުރަނީ ސޯލްވަންސީގެ މައްސަލަތަކަކަށް ކަމަށް، އައިއެމްއެފްގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
ފިސްކަލް ކޮންސޮލިޑޭޝަންއަކީ ސަރުކާރެއްގެ ފިސްކަލް ޑެފިސިފް ކުޑަ ކުރާނެ ގޮތްތަކެވެ. ފިސްކަލް ޑެފިސިޓަކީ ސަރުކާރަށް ލިބޭ އާމްދަނީއަށް ވުރެ ހަދަރު ބޮޑު ވުމުން މެދުވެރިވާ ހާލަތެވެ.
ދެމެހެއްޓެނިވި އިމުން ބޭރުވެފައިވާ ސްރީލަންކާގެ ދަރަނީގެ ސަބަބުން، ކައިރި އަދި މެދު ރާސްތާގެ އިގުތިސޯދީ ހަމަޖެހުމަށް އަސަރު ފޯރާނެ ކަމަށް އައިއެމްއެފްގެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ މައްސަލަތައް ހައްލު ކުރުމަށްޓަކާ ބޭރުގެ ފަރާތްތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން މާލީ އެހީ ބޭނުންވާނެ ކަމަށާ، އެ ފައިސާ ހަލާސް ކުރުމަށްޓަކާ ގިނަ އަހަރުތަކެއް ބޭނުން ވާނެ ކަމަށްވެސް އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ.
ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހި، ބޭރު ފައިސާގެ ރިޒާވް ދަށްވެ، މުދާ އިމްޕޯޓް ކުރެވޭނެ މަގުތައް ބަންދުވެ، ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދިއުމުގެ ސަބަބުން އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައަށް ވަނީ އައިއެމްއެފްގެ އެހީ ހޯއްދެވުމަށް މަޖުބޫރުވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އައިއެމްއެފްގެ އެހީގެ ޕެކޭޖާ ބެހޭ މަޝްވަރާތައް، އަންނަ އޭޕްރިލް މަހުގެ ތެރޭގައި އެމެރިކާގައި ކުރިއަށްދާނެއެވެ. އެއީ ސްރީލަންކާގެ މާލީ ވަޒީރު، ބާސިލް ރާޖަޕަކްސަ، އެމެރިކާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.
ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ ކާރިސާގެ ސަބަބުން އެ ގައުމުގެ އިންޓްރެސްޓް ރޭޓްތައް ވަނީ އުފުލިފައެވެ. އަދި އެމެރިކާ ޑޮލަރާއި އަޅާ ބަލާއިރު އެ ގައުމުގެ ފައިސާގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ އިތުރުން ގައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ފިޔަވާ އެހެން ހުރިހާ ބާވަތެއްގެ ތަކެތި، އިމްޕޯޓް ކުރުންވެސް ވަނީ މަޑުޖައްސާލާފައެވެ.