"ނޭވާހޮޅިއަށް"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި އެއްވުމުން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން ކުރިއަށް ގެންދިޔަ މި އެއްވުން ފެށެން ބައިގަޑިއިރަށް ވެފައި ވަނިކޮށް އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ޑެޕިއުޓީ މޭޔަރު އަދި ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝެވެ. އެއަށްފަހު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ:

  • މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު
  • ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް
  • ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން
  • ކުރީގެ ކާނަލް އަހްމަދު ފަޔާޒް އަލީ
ޕީޕީއެމްގެ އޮފީސް ކައިރިއަށް ވަޑައިގަތުމާއެކު، ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހައްޔަރުކޮށްގެން ގެންދަނީ / ފޮޓޯ: ޕީޕީއެމް

އޭގެ އިތުރުން، އިތުރު ހަ މީހަކު މިއަދުގެ އެއްވުމުގެ ތެރެއިން ވަނީ ހައްޔަރުކޮށްފައެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މި އެންމެން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުން ކަމަށެވެ.

އިދިކޮޅުން ބުނިގޮތުގައި މިއަދުގެ އެއްވުމުގެ ތެރެއިން 15 މީހުން ހައްޔަރުކޮށްފައިވެއެވެ.

އިދިކޮޅުން މިއަދު ބާއްވާ މި އެއްވުމުގައި ބައިވެރިނުވުމަށް ފުލުހުން މިދިޔަ ބުދަ ދުވަހު އިލްތިމާސްކޮށްފައިވާއިރު، ފުލުހުން ބުނީ އިދިކޮޅުން ބާއްވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭތީ، އެ އެއްވުމުގައި ބައިވެރިވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން މިއަދު އެއްވުން ބާއްވާފައިވާއިރު، އެ އެއްވުމުގެ ބައެއް ބައިވެރިން ވަނީ ކާނިވާ ސަރަހައްދުގެ އިތުރުން، މާލޭގެ އެހެނިހެން ސަރަހައްދުތަކުގައިވެސް ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދު ހިމެނޭއިރު، ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި މީހުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ފޮނުވާލާފައެވެ.

"ނޭވާހޮޅި" އެއްވުމުގެ ބައެއް ބައިވެރިން ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި / ދަ ޕްރެސް ފޮޓޯ: އަހްމަދު އިޔާދު

މިއަދުގެ އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ. ނަމަވެސް އެއްވުމުގެ ބައިވެރިން އަދިވެސް ކާނިވާ ސަރަހައްދުގައި ތިބިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިދިކޮޅުން ބުނެފައިވަނީ، އެއްވުން ކުރިއަށް ގެންދަނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށާއި، އެއްވުން ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ކުށްވެރިކުރާ ކަމަށެވެ. އެއާއެކު އިދިކޮޅުން ވަނީ އެއްވުމުގެ ތެރެއިން ހައްޔަރުކުރި ބައިވެރިން ދޫކޮށްލުމަށް ގޮވާލާފައެވެ.