މާލީ އަދި އިގުތިސޯދީ ގޮތުން އިނދަޖެހި، އާންމު ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާފައިވާ ސްރީލަންކާގައި ޒަރޫރީ ހިދުމަތްދޭ އުޅަނދުތަކަށް ތެޔޮ ރިޒާވް ކޮށްފައި ބެހެއްޓުމަށް، އެ ގައުމުގެ ހުރިހާ ގޭސް ސްޓޭޝަނަކަށް، ސްރީލަންކާގެ އެނާޖީ މިނިސްޓަރު، ގާމިނީ ލޮކުގޭ އަންގަވައިފިއެވެ.

ވަޒީރު ވިދާޅުވީ ސިއްހީ ހިދުމަތާއި، ތެޔޮ އުފުލާ އުޅަނދު ފަހަރު ފަދަ ޒަރޫރީ ހިދުމަތްތަކާ ގުޅިފައި ވާ އުޅަނދުތަކަށް ބޭނުންވާ ތެޔޮ ނުލިބިގެން، ގޭސް ސްޓޭޝަންތައް ކައިރީގައި އެފަދަ އުޅަނދުތައް މަޑުޖެހިފައި ވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައި ވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ، މުޖުތަމައުގެ ހުރިހާ ހިސާބަކަށްވެސް އެ ކަމުގެ އަސަރު ފޯރާނެ ކަންތައްތަކެއް ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ލޮކުގޭ ވަނީ ޒަރޫރީ ހިދުމަތްތަކާ ގުޅިފައިވާ އުޅަނދުތަކުން ތެޔޮ އަޅަން ދިއުމުގެ ކުރިން، ގޭސް ސްޓޭޝަންތަކަށް އެކަން އެނގުމަށް އަންގަވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސްރީލަންކާގައި އެކަށީގެންވާ މިންވަރަކަށް ޕެޓްރޯލްގެ ސްޓޮކް އެބަހުރި ކަމަށާ، ނަމަވެސް ޒަރޫރީ ހިދުމަތްތަކާ ގުޅިފައިވާ ގިނަ އުޅަނދު ފަހަރަކީ ޑީސަލް ބޭނުން ކުރާ އުޅަނދުތަކެއް ކަމަށެވެ.

ސިންގަޕޫރުން އައި ބޯޓަކުން 20000 މެޓްރިކް ޓަނުގެ ޑީސަލް މިހާރު އެ ގައުމަށް ބާލާފައި ވާ ކަމަށާ، ކުރިއަށް އޮތް ހޯމަ ދުވަހުވެސް 30000 މެޓްރިކް ޓަނުގެ ޑީސަލް އެ ގައުމަށް އެތެރެ ވާނެ ކަމަށްވެސް ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

ސްރީލަންކާގެ ބާޒާރުގައި ހަކަތައިގެ ސަޕްލައި ދަށްވެފައި ވަނީ ބޭރު ފައިސާ ލިބުން ދަތިވެ، އެގައުމުގެ ތާރީހު ނުދެކޭ ފަދަ އިގުތިސޯދީ ހީނަރުކަމަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ.

މާލީ ގޮތުން ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު އިމްޕޯޓްވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. ގިނަ އަދަދެއްގެ މުދާ ލިބުން ދަތިވެފައި ވާއިރު ބައެއް ބޭނުންތަކަށް އެއްވެސް ވަރަކަށް މުދާ ނުލިބޭ ފަހަރު އާދެއެވެ. އެގޮތުން ކަރުދާހުގެ ދަތިކަން ކުރިމަތިވެ، އެތައް ހާސް ދަރިވަރުންނެއްގެ އިމްތިހާން ފަސްކޮށްފައި ވާއިރު، ލަންކާގައި ޝާއިއު ކުރަމުން އަންނަ 2 ނޫހަކުން ވަނީ، ޗާޕް ވާޝަން ހުއްޓާލާފައެވެ.