ދެބަސްވުން އުފެދިފައިވާ 6 މައުލޫއެއްގެ ތެރެއިން 4 މައުލޫއެއްގައި ރަޝިއާއާއި ޔޫކްރައިން "އެއްގަލަކަށް" އަރާ ފައި ވާ ކަމަށް، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކާށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ކުރަމުން ދާތާ މަހެއް ވެފައި ވާއިރު، ތުރުކީ ރައީސް ގެންދަވަނީ ދެ ގައުމު ސުލްހަ ކުރުމަށް މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

ބްރަސަލްސްގައި ކުރިއަށް ދިޔަ ނޭޓޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވި ދަތުރުފުޅު މަތީގައި ރިޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން އުރުދުގާން ވިދާޅުވީ، މިއަދުގެ ވަގުތެއްގައި، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީއާ ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި ކުރިއަށް ހަފުތާ ބަންދުގައި ނުވަތަ ހަފުތާގެ ކުރިން ކޮޅުން ދުވަހެއްގައި ޕޫޓިންއާވެސް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

ރަޝިއާގެ ޑިމާންޑުތަކަށް ޔޫކްރައިނުން މިހާރުވެސް ދަނީ ހިސާބަކަށް ދޫދެމުންނެވެ. އެގޮތުން ނޭޓޯގެ މެންބަރަކަށް ނުވާނެ ކަމުގެ އިޝާރާތެއް ޔޫކްރައިނުން ދީފައި ވާ އިރު، ޔޫކްރައިންގެ ރަސްމީ ބަހެއްގެ ގޮތުގައި ރަޝިއާ ބަސް ބަލައިގަތުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން ރަޝިއާއާ ގުޅިގެން ޔޫކްރައިނުން ދޫދޭ ގާނޫނީ ބައެއް ކަންކަމަކީ ހުދު ޒެލެންސްކީ އަމިއްލަފުޅަށް ނިންމެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޒެލެންސްކީ ވަނީ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުން ފަދަ އިޝާރާތެއް ކުރައްވާފައެވެ. އުރުދުގާން ވަނީ އެއީ "ސްމާޓް ލީޑާޝިޕެއް"ގެ ސިފަ ކަމަށް ވިދާޅުވެފައެވެ.

ޕޫޓިންއާއެކު ކުރިއަށް ގެންދަވާނެ މަޝްވަރާތަކާ ބެހޭ ގޮތުން އުރުދުގާން ވިދާޅުވީ، އޮމާންކަމާއެކު މަސައްކަތް ކޮށްގެން، ގަދަރުވެރި ނިމުމެއް މި ހަމަނުޖެހުމަށް ބޭނުން ވާ ކަމަށެވެ.