މަސްވެރިންނަށްވީ ވައުދު ނުފުއްދިއްޖެނަމަ ދެން އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޕެއިލް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ ފިރުޝާން މަޖިލީހަށް ވަނީ މައްސަލައެއް ހުށައަޅުއްވާފައެވެ. އެ މައްސަލަ ހުށައަޅުއްވަމިން ފިރުޝާން ވިދާޅުވީ ސަރުކާރުގެ ދައުރުގެ ބޮޑު ބައެއް ހޭދަވެގެން ދިޔައިރު ވެސް މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި އޮތް ކަމަށާއި އެ ގޮތަށް ކުރިއަށް ދާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ފެއިލް ވެގެންދާނެ ކަމަށެވެ.
ފިރުޝާން ވިދާޅުވީ މަސްވެރިކަމުގެ ގާނޫނުގައި ބަޔާން ކުރާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ހަދައި ތަންފީޒު ކުރަން ސަރުކާރުން ފަސްޖެހޭ ކަމަށެވެ.
ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ވެސް ބޮޑުވަމުންދާއިރު މަހުގެ އަގު އުފުލައިދީފާ ނުވާ ކަމަށާއި އޭގެ ސަބަބުން ތެލުގެ ހަރަދު ކަނޑާފައި މަސް ދޯނީގައި ތިބި މަސްވެރިންނަށް ބަހާނެ ފައިސާއެއް ނެތިގެންދާ ކަމަށްވެސް ފިރިޝާން ވިދާޅުވިއެވެ.
ފިރުޝާން އިތުރަށް ވިދާޅުވީ މަސް ޕްރޮސެސް ކުރާ ތަންތަނާއި ގޭދޮށު މަސް ޕްލާންޓްއާއި ކަނޑުގައި ގާއިމްކުރާ އޮފްޝޯ ޕްލެޓްފޯމް ނުވަތަ ކަންނެލި ޖަގަހަތަކެއް އަޅަން ގާނޫނުގައި އޮތަސް އޭގެ އަމަލީ ސިފަ ނުފެންނަ ކަމަށެވެ.