އިގުތިސޯދީ އަދި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ ސްރީލަންކާގައި ހަކަތަ ލިބުން އިންތިހާ ދަތިވެފައި ވާ މި ދަނޑިވަޅުގައި، ހަކަތަ ދޫ ކުރުމަށް ދަމާލާފައިވާ ދިގު ސަފުތަކުގައި މަޑުކޮށްގެން ތިބި 2 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަވާ ފުލުހުންގެ ތަރުޖަމާނު ނާލިން ތަލްދުވާ ވިދާޅުވީ، މަރުވި 2 މީހުންނަކީވެސް އުމުރުން 70 ގެ އަހަރުތައް ގުނަމުން ދިޔަ 2 ފިރިހެނުން ކަމަށެވެ. ހާދިސާ ހިނގާފައި ވަނީ ސްރީލަންކާގެ 2 ސަރަހައްދެއްގައި ކަމަށާ، އެމީހުން މަރުވީ، ޕެޓްރޯލާއި ސާފުތެޔޮ ހޯދުމަށް ހަދާފައިވާ ސަފުތަކުގައި ގިނަ އިރުތަކެއް ވަންދެން މަޑުކޮށްގެން ތިއްބާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތަލްދުވާ ވިދާޅުވީ މަރުވި އެކަމަކީ އުމުރުން 70 އަހަރުގެ މީހެއް ކަމަށާ، އެއީ ޑައެބެޓިކް އަދި ހާޓް ޕޭޝަންޓެއް ކަމަށެވެ. އެމީހަކީ 3 ފުރޮޅުލީ އެއްގަމު އުޅަނދެއް ދުއްވާ މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. 2 ވަނަ މީހަކީ އުމުރުން 72 އަހަރުގެ މީހެކެވެ. ތެޔޮ ހޯދުމަށްޓަކާ 2 މީހުންވެސް ކިއުގައި 4 ވަރަކަށް ގަޑިއިރު މަޑުކުރި ކަމަށް ތަލްދުވާ ވަނީ ފާހަގަ ކުރައްވާފައެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި މިދިޔަ ހަފުތާ ބަންދުގައި، ސަފު ހަދައިގެން ކޮޅަށް ތިބެން ޖެހެމުގެ ސަބަބުން، ގިނަ އަދަދެއްގެ އަންހެނުން ވަނީ އަނބުރައިގަނެގެން ވެއްޓިފައެވެ.

ސްރީލަންކާގެ ތާރީހުގައިވެސް އެ ގައުމު ދުށް އެންމެ ތަކުލީފު ބޮޑު އިގުތިސޯދީ ކާރިސާގެ ވޭންތަކާ ކުރިމަތިލަމުން އަންނަ އެ ގައުމުގެ ރައްޔިތުން، ޕަމްޕްތަކުގެ ދޮށުގައި އެތައް ގަޑިއިރެއް ވަންދެން ކިއު ހަދަމުން އަންނަތާ މިހާރު އެތައް ހަފުތާއެއް ވެއްޖެއެވެ. ބޭރު ފައިސާގެ ރިޒާވް އިންތިހާއަށް ހީނަރުވުމުގެ ސަބަބުން، ގައުމަށް ބޭނުންވާ ޒަރޫރީ އަދި އަސާސީ މުދާ ގަނެވޭނެ ގޮތެއް ނެތި، ސްރީލަންކާގެ ރައްޔިތުންނަށް ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ.

ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން މަޖުބޫރުވި ހާލަތްތަކެއްވެސް އެގައުމު ވަނީ މި ފަހަކުން ތަޖުރިބާ ކޮށްފައެވެ. ނަމަވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާ ނުލުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސީދާ އަސަރު ފޯރަމުން ދަނީ އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށެވެ. އެގޮތުން، އެތައް އިރެއް ވަންދެން ތެޔޮ ނޭޅިގެން މަޑުކުރަން ޖެހެއެވެ.

ސްރީލަންކާއިން ވަނީ އެ ގައުމުގައި ތެޔޮ ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ހަމައެކަނި ކާރުހާނާގެ އޮޕަރޭޝަންތައްވެސް އާދީއްތަ ދުވަހު މެދުކަނޑާލާފައެވެ. އެއީ ސާފު ނުކުރާ ތެލުގެ ސްޓޮކް ހުސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ބާޒާރުތަކުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ގިނަ އާއިލާތަކަކުން ވަނީ ސާފުތެލަށް ބަރޯސާވާން ފަށާފައެވެ. ތެލަށް އޮންނަ ޑިމާންޑް އިންތިހާއަށް އިތުރުވެގެން އުޅެނީ އެ ސަބަބާ ހެދި ކަމަށް މައުލޫމާތު ލިބެއެވެ. ކަން މިހެން އޮތް އިރު، ސްރީލަންކާގެ ބާޒާރުގައި ހިކި ކިރު ގަންނަން ލިބޭ އަގު، މިދިޔަ ހޮނިހިރު ދުވަހު ވަނީ ބޮޑު ކޮށްފައެވެ.

މީގެ އިތުރުން ކަރުދާސް ހުސްވެ، އެތައް ހާސް ދަރިވަރުންނެއްގެ އިމްތިހާންތައްވެސް ވަނީ ކެންސަލްކޮށްފައެވެ.