ޔޫކްރައިންއަށް އަރާ ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ރަޝިއާއިން އާހިރު އިންޒާރު ނުވަތަ އަލްޓިމޭޓަމްއެއްގެ ގޮތުގައި ކަނޑައެޅި ޑިމާންޑް ކަމަށް ވާ، މަރިއުޕޮލް ދޫކޮށްލުމަށް ކުރި ޑިމާންޑަށް ކިޔަމަންވުމަށް ޔޫކްރައިނުން އިންކާރުކޮށް، އެކަމަށް ފުރަގަސްދީފިއެވެ.

ހަނގުރާމަ އެންމެ ގަދަވެފައިވާ މަރިއުޕޮލް ސަރަހައްދުގައި ރަޝިއާއިން އަލްޓިމޭޓަމް ކަނޑައެޅީ، ޔޫކްރައިނުން އެ ސަރަހައްދުގައި އަމާން ދީފިނަމަ، އެ ސަރަހައްދުގައި ތާސިވެފައި ތިބި އާންމު ރައްޔިތުންނާށް، ރައްކާތެރި ކަމާއެކު އެ ސަރަހައްދު ދޫކޮށް ދެވޭނެ ކަމުގެ ޔަގީންކަމެއްގެ ގޮތުގައެވެ.

ރަޝިއާއިން ކަނޑައެޅި ޑިމާންޑްގައި ބުނެފައި ވަނީ، މަރިއުޕޮލްގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދާ ފަރާތްތަކުން ހަތިޔާރު ދޫކޮށްލައިފިނަމަ، ބަނދަރު ސަރަހައްދު ހުރަސްކޮށް، ރައްކާތެރިކަމާއެކު، އާންމު ފަރުދުންނަށް އެ ސިޓީއިން ނިކުމެވޭނެ ކަމަށެވެ.

ރަޝިއާގެ ޑިމާންޑަށް އިންކާރު ކުރަމުން ޔޫކްރައިނުން ބުނީ، އިސްތިރާޖީ ގޮތުން ހައްސާސް، ބަނދަރުމަތީ ސިޓީއެއް ކަމަށް މަރިއުޕޮލްގައި އަމާންދީ، އެ ސިޓީ ދޫކޮށްލަފާނެ ކަމާ މެދު ސުވާލެއް އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.

ރަޝިއާގެ ފަރާތުން ޑިމާންޑް ހުށަހަޅުއްވަމުން ޖެނެރަލް މީކާއީލް މިޒިންޓްސޭވް ވިދާޅުވީ، ހޯމަ ދުވަހުގެ މެންދަމުން އަލިވެ 02:00 އާ ހަމައަށް، ރަޝިއާގެ ހުށަހެޅުން ބަލައިގަތުމުގެ ފުރުސަތު، ޔޫކްރައިންއަށް އޮންނާނެ ކަމަށެވެ.

އެއްބަސްވުން ބަލައިގެންފި ނަމަ ޖީއެމްޓީގަޑިން 0700 ގައި ރައްކާތެރިކަމުގެ ފާލަންތައް ހުޅުވާލާނެ ކަމަށާ، ހަތިޔާރު ދުކޮށްލާ ޔޫކްރައިންގެ ފައުޖުތަކާއި ބިދޭސީ ހަނގުރާމަވެރިންނަށްވެސް އެ ސަރަހައްދު ދޫކޮށް ދެވިދާނެ ކަމަށް ރަޝިއާއިން ވަނީ ކަނޑައަޅާފައެވެ. އޭގެ 2 ގަޑިއިރު ފަހުން، އިންސާނީ އެހީގެ ގާފިލާތަކަށް އެ ސަރަހައްދަށް ވަދޭވެނެ ކަމަށްވެސް ރަޝިއާއިން ކަނޑައެޅިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި 3 ލައްކައެއްހާ މީހުން އަދިވެސް ވަނީ މަރިއުޕޮލް ސަރަހައްދުގައި ތާށިވެފައެވެ. އެ ސަރަހައްދަށް އެހީ ހިފައިގެން ވަދެވޭނެ ގޮތެއް ނެތް އިރު، ސިޓީ ތެރެއިން ސަޕްލައި ހުސްވަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން މަރިއުޕޮލްއަށް ބޮން އަޅަމުން އަންނަތާ ހަފުތާތަކެއް ފާއިތުވެފައި ވާ އިރު، އެ ސަރަހައްދުގެ އާންމު ރައްޔިތުން، ފެނާއި ކަރަންޓުގެ ހިދުމަތާ ނުލާ އުޅޭތާވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ޖެނެރަލް މީކާއީލް މިޒިންޓްސޭވް ވަނީ މަރިއުޕޮލް ސަރަހައްދުގައި އިންސާނީ ކާރިސާއެއް ނިއުޅެމުން އަންނަ ކަމަށް އިއުތިރާފުވެ ވަޑައިގެންފައެވެ. އަދި ރަޝިއާގެ ހުށަހެޅުމަކީ ރައްކާތެރި ކަމާއެކު ހުޅަނގަށް ނުވަތަ އިރުމައްޗަށް ދަތުރު ކުރުމުގެ ފުރުސަތު، މަރިއުޕޮލްގެ ރަށްވެހިންނަށް ލިއްބައިދޭނ ހުށަހެޅުމެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ ދިފާއަށް ކުޅުއްވާފައެވެ.

ރަޝިއާގެ ޑިމާންޑަށް އިންކަރު ކުރައްވަމުން، ޔޫކްރައިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އައިރީނާ ވެރެސްޗުކް ވިދާޅުވީ، ޔޫކްރަައިނުން މަރިއުޕޮލް ދިފާއު ކުރުން ހުއްޓާ ނުލާނެ ކަމަށެވެ.

މަރިއުޕޮލްގެ މޭޔަރަށް ލަފާ އަރުވާ މުޝީރެއް ކަމަށްވާ ޕިޔޯޓްރް އެންޑްރީޔުޝެންކޯ ވަނީ، އެންމެ ފަހު ހަނގުރާމަވެރިޔާ ޖެހެންދެންވެސް ސިޓީގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދާނެ ކަމަށެވެ. އަދި އިންސާނީ އެހީގެ ފާލަންތައް ހުޅުވާލާނެ ކަމަށް ބުނެ ރަޝިއާއިން ދައްކަމުން ދާ ވާހަކަތަކެއް އިތުބާރެއް ނެތް ކަމަށާ، މަރިއުޕޮލްގެ ރަށްވެހިންނަށް މަޖުބޫރުކޮށްގެން އެމީހުން ރަޝިއާއަށް ގެންދިއުމުގެ މަސައްކަތްތަކެއްވެސް ރަޝިއާއިން ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މި މައުލޫމާތު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މަރިއުޕޮލްއަކީ ރަޝިއާއިން ޔޫކްރަައިނުގައި ކުރަމުންދާ ހަނގުރާމާގައި އިސްތިރާޖީ މުހިންމު ސަރަހައްދަކަށް ވާ އިރު، ސިޓީގެ ޑިފެންޑަރުންގެ އަތުން އެ ސަރަހައްދު އަތުލުމަށް ރަޝިއާ އަދި ދަނީ ފެއިލްވަމުންނެވެ. ނަމަވެސް، އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، މަރިއުޕޮލްގެ އިމާރާތްތަކުގެ 90 ވަނީ ހަނގުރާމައިގެ ސަބަބުން މުޅިން ސުންނަފަތިވެ ނުވަތަ ހަލާކުވެފައެވެ. އަދި މި އުދުވާންތަކުގައި މަރުވި މީހުންގެ އަދަދު 2500 އަށް އަރާ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަ ކުރައްވާފައެވެ.