ބިހާއި ފިޔައާއި އަލުވި، ކުރިއަށް އޮތް ރޯދަ މަހުގައި ވިއްކާނެ އަގުތަކެއް އެސްޓީއޯއިން ކަނޑައަޅައިފިއެވެ.

ރޯދަ މަސް ނިމެންދެން އެސްޓީއޯއިން އަގުތައް ކަނޑައަޅާފައި ވާތީ، އެ ތިން ބާވަތުގެ އަގުތައް ރޯދަ މަހު ހިފެހެއްޓިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިވަގުތު ބާޒާރުން ބިސް ކޭހެއް ވިއްކަނީ 340ރ އަށެވެ. ފިޔާ ބަސްތާއެއް 360ރ އަށް ލިބެން ހުރިއިރު، އަލުވި ބަސްތާއެއް ވިއްކަނީ 200ރ އަށެވެ.

އެސްޓީއޯއިން ބަސްތާ އާއި ކިލޯ ވިއްކާ އަގުތައް

  • ބިސް (ކޭހެއް 300ރ އަށް، ބިހެއް 1.75ރ އަށް)
  • ފިޔާ (ބަސްތާއެއް 300ރ އަށް، ކިލޮއެއް 14ރ އަށް)
  • އަލުވި (ބަސްތާއެއް 280ރ އަށް، ކިލޮއެއް 13ރ އަށް)

މީގެ އިތުރުން، ބިހާއި، ފިޔަޔާއި، އަލުވި ހޯލްސޭލްކޮށް ގަންނަން ބޭނުުންވާ ފަރާތްތަކަށްވެސް އެސްޓީއޯއިން އަގުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން 10 ބަސްތާއަށް ވުރެ ގިނައިން ފިޔައާއި އަލުވި ގަންނަ ނަމަ އަލުވި ބަސްތާއެއް ވިއްކާނީ 270ރ އަށް ކަމަށާއި، ފިޔާ ބަސްތާއެއް ވިއްކާނީ 290ރ އަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކޭހަކަށް ވުރެ ގިނައިން ބިސް ކޭސް ގަންނަ ނަމަ، ކޭހެއް ވިއްކާނީ 290ރ އަށް ކަމަށްވެސް ބުންޏެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ރޯދައަށް ހާއްސަކޮށްގެން ގެންނަ ބާވަތްތައް ދުރާލާ ގެންނަން ފަށާފައިވާތީ އާންމުންނަށް ބޭނުންވާ މުދާ ލިބޭނެ ކަމަށެވެ.