ޒަރޫރީ މުދާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ސްރީލަންކާގެ މަސްރަހަށް ވެރިވެފައިވާ ނުތަނަވަސްކަން ކުޑަ ކުރުމުގެ ގޮތުން އެ ގައުމަށް ކޮންމެހެން ބޭނުން ޖެހިފައިވާ މުދާ ގަތުމަށް، 1 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއްބަސްވުމެއްގައި އިންޑިއާއާއެކު ސޮއިކޮށްފިއެވެ.
އިންޑިއާގެ މާލީ ވުޒާރާއިން ހާމަ ކޮށްފައި ވާ ގޮތުގައި ސްރީލަންކާގެ މާލީ ވަޒީރު، ބާސިލް ރާޖަޕަކްސައާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހު، އެއްބަސްވުން އެކުލަވާލާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ލަންކާ ސަރުކާރާ ދެމެދުގައެވެ.
1 ބިލިއަން ޑޮލަރުގެ އަގުހުރި މި ކްރެޑިޓް ލައިން އެއްބަސްވުމަކީ، ސްރީލަންކާއާށް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައި ވާ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ އިތުރުން އެނޫންވެސް ޒަރޫރީ މުދާ ގަތުމަށް ހުޅުވާލި ކްރެޑިޓް ލައިންއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ބާސިލް ރާޖަޕަކްސަ އިންޑިއާއާށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އިންޑިއާގެ މާލީ ވަޒީރު، ނިރްމަލާ ސިތާރަމަންގެ އިތުރުން ފޮރިން މިނިސްޓަރު، ޑރ އެސް ޖައިޝަންކަރާ ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ދޭދޭ މަސްލަހަތު އެކުލެވޭ ކަންކަމާ، އިގުތުސޯދީ އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށް ހަބަރު ލިބެއެވެ.
މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީވެސް ވަނީ އެ ގައުމު އަބަދުވެސް އޮންނާނީ ލަންކާއާއެކުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
މި ދަނޑިވަޅަކީ ޒަރޫރީ މުދާ ހޯދުމުގައި ލަންކާއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ ދަނޑިވަޅެކެވެ. އެގޮތުން ތެލާއި ގޭހުގެ އިތުރުން ބޭހާއި ޑޮލަރު ލިބުންވެސް ލަންކާގައި ވަނީ ދަތިވެފައެވެ. ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ މުއްދަތަށް ބަލާއިރު ލަންކާގެ ބޭރު ފައިސާގެ ރިޒާވްވެސް ވަނީ 70 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއާއެކު އިމްޕޯޓް މުދަލަށް ވާ ފައިސާ ދެއްކުން، އެ ގައުމަށް ވަނީ ތަކުލީފަކަށް ވެފައެވެ.
ހުސްވި ހަފުތާގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެހީއަށްވެސް އެ ގައުމުން އެދޭނެ ކަން ހާމަ ކުރައްވާފައެވެ.
ސްރީލަންކާގެ އިގުތިސޯދީ އަދި މަލީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން، އާންމު ދިރިއުޅުމަށްވެސް ފޯރަމުން ދާ އިރު، އެގައުމުގެ އިދިކޮޅު ފަރާތްތަކުން އިސް ނަގައިގެން މިދިޔަ ހަފުތާގައި އެ ގައުމުގައި ވަރުގަދަ މުޒާހަރާއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.