ހަނގުރާމަ… އިންފްލޭޝަން… ޗައިނާ ލޮކްޑައުން: މިއީ ދުނިޔޭގެ ސަޕްލައި ޗޭނަށް ލޮޅުން އެރުވުމަށް ބޭނުންވާނެ ހުރިހާ ޝަރުތެކޭ ދެންނެވިދާނެއެވެ.

ޗައިނާއަށް އަރާ މިފަދަ ކޮންމެ ލޮޅުމެއްގެ އަސަރު މުޅި ދުނިޔެއަށްހެން ފޯރައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ އުފެއްދުންތެރިކަމުގެ ސިނާއަތުގެ 3 ބައިކުޅަ 1 ބައި ގާއިމު ވެފައި އޮންނަނީ ޗައިނާގައެވެ.

ދުނިޔޭގެ ކޮންމެ ހިސާބަކުން ކަމުގައި ވީ ނަމަވެސް އޮންލައިން ކޮށް އެއްޗެއް ގަނެ، ރަނގަޅަށް ބަލާއިރު، އެއީ "މޭޑް އިން ޗައިނާ" ނުވަތަ ޗައިނާގައި އުފައްދާފައި ވާ ޕްރޮޑަކްޓަކަށް ވުމުގެ ފުރުސަތު އިންތިހާ ބޮޑެވެ. ވަކިން ހާއްސަކޮށް، ޝެންޒެން ސިޓީގެ އުފެއްދުންތަކެވެ. 17.5 މިލިއަނެއްހާ މީހުންގެ އަބާދީއެއް އޮންނަ ޝެންޒެން ސިޓީއަކީ، ޗައިނާއިން އޮންލައިން ރީޓެއިލް ވިޔަފާރީގެ ގޮތުގައި އެކްސްޕޯޓް ކުރާ މުދަލުގެ ދެބައިކުޅަ 1 ބައިހެން ހިއްސާ ކުރާ ސިޓީއެވެ.

ޗައިނާގައި އެއްކޮށްފައި ހުރި މިރަސްތަކެއް ހިއްކުމުގެ މަސައްކަތުގައި މީހަކު ޝައުގުވެރި ކަމާއެކު ހަރަކާތްތެރި ވަނީ / ފޮޓޯ: ނިއްކޭ އޭޝިއާ

އާދީއްތަ ދުވަހު ޝެންޒެން ސިޓީގައި 6 ދުވަހުގެ ލޮކްޑައުން އަމުރު އިއުލާން ކުރިއެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރުވުމާ ގުޅިގެންނެވެ. ލޮކްޑައުންއާއެކު ދުނިޔޭގެ ވިޔަފާރިއަށްވެސް ލޮޅުން އަރައިގެންދިޔައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެހެން ސިޓީތަކަށްވެސް ފުޅާ ކުރަމުން ދާ ކަން ހަނދާން ބަހައްޓަންޖެހެއެވެ.

ކާރުހާނާތަކުގެ އުފެއްދުންތެރިކަން މެދުކަނޑާލަން ޖެހިފައި ވާއިރު، އަވަށްތައް ވަނީ މުޅިންހެން ފަޅުވެފައެވެ.

ޗައިނާގެ ބަނދަރުތަކުގައި މަޑުކުރަން މަޖުބޫރުވެފައިވާ ބޯޓުފަހަރުގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމުގެ ކަންކަން ކުރިއަށް ދާ ގޮތް ވިލަރެސް ކުރަމުން ދާ ޕްރޮޖެކްޓް44 ގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، އެޑަމް ކޮމްޕެއިން ވިދާޅުވީ، ޔަންޓިއަންގައި މަޑުކުރަން ޖެހިފައިވާ ކަނޑުބޯޓު ފަހަރުގެ އަދަދު 28.5 ޕަސެންޓަށް އިތުރު ވެފައި ވާ ކަމަށެވެ. އެ ބަނދަރަކީ ވިލާތާއި އުތުރު އެމެރިކާ ސަރަހައްދަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރު ކުރާ އެއް ސަރަހައްދެވެ.

ޗައިނާގެ ޝަންހާއީގެ ހޮސްޕިޓަލެއްގެ މުވައްޒަފުން، އެމާޖެންސީ ޑްރިލްއެއްގައި ބައިވެރި ވަނީ / ފޮޓޯ: ޗައިނާ ނިއުސް ސާވިސް

މިދިޔަ އަހަރުގެ ފަހުކޮޅު، ޑެލިވަރީ މަޑުޖައްސާލީވެސް ޔަންޓިއަން ޕޯޓް ސަރަހައްދު ބަންދު ކުރުމާ ގުޅިގެންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ތަންފީޒު ކުރަނީ އިންތިހާ ހަރުކަށި ފިޔަވަޅުތަކެއް ކަމުގައި ވީ ނަމަވެސް، މާ ގިނަ ދުވަހަކަށް އެ ފިޔަވަޅުތައް ދަންމައެއް ނުލައެވެ.

އިނގިރޭސިވިލާތުގެ ޗޭމްބާ އޮފް ކޮމާސް ޗައިނާގެ މެނޭޖިންގް ޑައިރެކްޓާ، ސްޓީވަން ލިންޗް ވިދާޅުވީ، އެއީ ދެމިޔަލީ ކަނޑިއެއް ފަދަ ކަމެއް ކަމަށެވެ. އެގޮތުން ޗައިނާގައި ބަލިގަނޑު ފެތުރި، ސަޕްލައި ޗޭނަށް ހުރަސް އެޅޭ ކަމަށާ، ހަމަ އެއާއެކު، އެހާމެ އަވަހަށް ކަންކަން ހަމައަކަށް އެޅޭ ކަމަށެވެ.

ކުންފުނިތަކުންވެސް މިފަހަރު އޮތީ އިހުނަށް ވުރެ ބޮޑަށް ތައްޔާރަށް ކަމުގައި ބެލެވެއެވެ. އެގޮތުން އެމެޒޯން ފަދަ ކުންފުނިތަކުން، ސަޕްލައި ޗޭނަށް ބުރޫއަރާފާނެ ކަމަށް ބަލައިގެން ވިޔަފާރި ކުރިއަށް ގެންގޮސްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

މި ހުރިހާ ކަމަކާއެކު އެންމެންގެ ސަމާލުކަން ހުއްޓެނީ ޗައިނާއިން ގެންގުޅޭ ޒީރޯ-ކޮވިޑް ސިޔާސަތަށެވެ. ޗައިނާގެ ރައީސް ޝީ ޖީންޕިންގް، ބުރާސްފަތި ދުވަހުވެސް ވިދާޅުވީ އެ ޗައިނާއިން އެ ސިޔާސަތު ދޫކޮށް ނުލާނެ ކަމަށެވެ. ނަމަވެސް، ބަލިމަޑުކަމުގެ ސަބަބުން އިގުތިސޯދީ ވޭނެއް ކުރިމަތިވެގެން ނުވާނެ ކަމަށްވެސް ޝީ ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ޒީރޯ ކޮވިޑް ސިޔާސަތު ދަންމާނީ ނަމަ، އެކަމުގެ ވޭން، ޗައިނާގެ އިގުތިސޯދުގެ އިތުރުން، މުޅި ދުނިޔޭގެ އިގުތިސޯދަށްވެސް ފޯރާނެއެވެ.