ދުނިޔޭގެ އެންމެ ބޮޑު އަލުވީގެ ރެކޯޑް ހޯދުމަށް ގިނިސް ވޯލްޑް ރެކޯޑްސްއަށް ލިޔެކިއުންތައް ހުށަހެޅި ނިއުޒީލަންޑްގެ ދެމަފިރިއަކަށް ހިތްދަތި ހަބަރަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ކޮލިން ކްރެއިގް-ބްރައުންއާއި އޭނާގެ އަންހެނުން ޑޯނާ، ކޮނެގެން ނެގީ އަލުއްވެއް ކަމަށާ، އެ އަލުވީގައި 7 ކިލޯގްރާމް ހުންނާނެ ކަމަށް އެ ދެމަފިރިން ބުނެއެވެ. އާންމު ގޮތެއްގައި 7 ކިލޯގެ އަލުވި ބަސްތާއެއްގައި ބައިވަރު ހުންނާނެއެވެ. އެހެންކަމުން، އެ ދެމަފިރިންގެ އަތުގައި ނަސީބު ހިފީ ކަމަށް ބަލާ، ދުނިޔޭގެ އެންމެ ބޮޑު އަލުވީގެ ރަސްމީ ރެކޯޑް ހޯދަން އެ ދެމެފަރިން މަސައްކަތް ފެށިއެވެ.

ކޮލިން ކްރެއިގް-ބްރައުންއާއި އޭނާގެ އަންހެނުން ޑޯނާ، ކޮނެގެން ނެގި އަލުވި ކައިރީގައި ކޮލިން މަޑުކޮށްލައިގެން / ފޮޓޯ: އައިރިޝް އެގްޒެމިނާ

މި އަލުވި ނެގީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. އެހާ ހިސާބުން، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށްޓަކާ، ގިނިސްއަށް ބޭނުންވާ މައުލޫމާތާއި ފޮޓޯތައް ފޮނުވަމުން ދިޔައެވެ. ނަމަވެސް އެ ފޮނި އުއްމީދުތައް ވިއްސި ވިހާލިވީ ގިނިސްއިން ދިން ޖަވާބުންނެވެ.

ކޮލިން ކްރެއިގް-ބްރައުންއާއި އޭނާގެ އަންހެނުން ޑޯނާ، ކޮނެގެން ނެގި އަލުވި ހިފައިގެން / ފޮޓޯ: ޓްރޯންޓޯ ސްޓާ

ކޮލިން ކްރެއިގް-ބްރައުންއަށް ގިނިސްއަށް ފޮނުވި ޖަވާބުގައި ބުނެފައި ވަނީ އެ ދެމަފިރިންގެ އަތުގައި އޮތީ އަލުއްވެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ތޮރާ، ޗިޗަންޑާ ނުވަތަ ފާގަ ޒާތު އެއްޗަކުން، ބިމަށް މޫލާފައި އޮންނަ ބައި ކަމަށެވެ. އެހެން ކަމުން އެޕްލިކޭޝަން ބާތިލު ވީ ކަމަށްވެސް ބުނެފައި އޮތެވެ.

ގިނިސްއިން މިހެން ބުނި ކަމުގައި ވީ ނަމަވެސް ކޮލިން ކްރެއިގް-ބްރައުންގެ ދެމަފިރިން ބުނާ ގޮތުގައި އޭގައި ލަނީވެސް ހަމަ އަލުވި ރަހައެވެ. ކޮލިން ކްރެއިގް-ބްރައުންގެ ދެމަފިރިން ބުނާ "އަލުވި" އަދިވެސް އެގޭ ފުރިޖުގައި އެބައޮތެވެ. އަދި ކޮންމެ ދުވަހަކުވެސް، އެ އަލުއްވައް، ކޮލިން ގޮވާލާ ކަމަށްވެސް ވެއެވެ.