ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމާގައި ރަތް ރޮނގުގެ ހުރިހާ އިމެއް ހުރަސް ކޮށްފައި ވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިހެން ވިދާޅުވީ، ޔޫކްރައިން ހަނގުރާމާގައި އެމެރިކާއިން މިހާރަށްވުރެ ހަރަކާތްތެރި ދައުރެއް އަދާކުރަން ކަނޑައަޅާފައި ވާ ރޮތް ރޮނގުގެ އިމަކީ، ކެމިކަލް ހަތިޔާރުގެ ބާރުގެ ބޭނުން ކުރުންތޯ އެންބީސީއިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މި ރޫހުގައި ޒެލެންސްކީ ވިދާޅުވީ، އާންމު ރައްޔިތުން މަރަން ފެށި ހިސާބުން، ރަތް ރޮނގުގެ ހުރިހާ އިމެއް، ރަޝިއާއިން ހުރަސް ކުރީ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން މިހާރުވެސް ޔޫކްރޭނުން 100 އަށް ވުރެ ގިނަ ކުޑަކުދިންގެ ފުރާނަ، މި ހަނގުރާމައިގެ ސަބަބުން ގެއްލިފައި ވާ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ރަތް ރޮނގުގެ މާނަ އެނގިވަޑައި ނުގަންނަވާ ކަމަށާ، ރަޝިއާއިން އަރާ، ޔޫކްރެއިންގެ ކުޑަކުދިންގެ ތެރެއިން 200، 300 ނުވަތަ 400 ކުދިން މަރާލަންދެން މަޑުން އޮންނަންވީތޯވެސް ޒެލެންސްކީ ވަނީ ސުވާލު އުފައްދަވާފައެވެ.

ޕާން ގަތުމަށް ސަފު ހަދައިގެން ތިބި ބަޔަކަށްވެސް ރަޝިއާގެ ހަމަލާ އަމާޒުވެ، 10 މީހެއްގެ ފުރާނަ ގެއްލުނުކަން ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ޖާސޫސީ މައުލުމާތަށް ބަލާއިރު، ސީދާ އަމާޒަށް ހަމަލާ ދޭ ޒަމާނީ އަސްކަރީ ހަތިޔާރުގެ ސްޓޮކް، ރަޝިއާ ކޮޅުން ވަނީ މަދުވެފައެވެ. އޭގެ ބަދަލުގައި މިހާރު ބޭނުން ކުރަމުން ދަނީ، ކަނޑައެޅިގެން ސީދާ މިސްރާބަށް މާ ބޮޑަށް އަމާޒު ނުކުރެވޭ، "މުސްކުޅި" ހަތިޔާރު ކަމަށާ، ނަތީޖާއެއްގެ ގޮތުން އާންމުންގެ ފުރާނަ ގެއްލެމުން ދާ ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ.