ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދެމުން ދަނިކޮށް ވިލާތުގެ 3 ގައުމެއްގެ ބޮޑުވަޒީރުން ރޭލުގައި ޔޫކްރައިންއަށް ދަތުރު ކުރެއްވިކަން ފާހަގަކޮށް، އެ ލީޑަރުންގެ ހިތްވަރުފުޅަށް ޔޫކްރޭނުން ތައުރީފު ކޮށްފިއެވެ.

ޔޫކްރައިންއަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ޕޯލަންޑް މަގުން، ޔޫކްރައިންގެ ވެރިރަށް ކިއޭވްއަށް ދަތުރު ކުރެއްވީ ޕޯލަންޑްގެ އިތުރުން ސްލޮވީނިއާ އަދި ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރުންނެވެ. އެ ލީޑަރުން ކިއޭވްއަށް ދަތުރު ކުރެއްވި ވަގުތަކީ، ރަޝިއާއިން ކިއޭވް ސަރަހައްދުގައިވެސް ވަރުގަދަ ހަމަލާތަކެއް ދެމުން ދިޔަ ވަގުތެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ވިލާތުގެ 3 ގައުމުގެ ލީޑަރުން ވަނީ ކިއޭވްއަށް ވަޑައިގެން، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރައްވާފައެވެ. ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު ވިދަޅުވީ ޔޫކްރޭނުން ހަނގުރާމަ ކުރަމުން އެދަނީ އެ ހުރިހާ ގައުމެއްގެ ދިފާއުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެ ގައުމުތަކުން އޮތީ ޔޫކްރޭނާއެކުގައި ކަމަށެވެ.

ޕޯލަންޑްގެ ބޮޑުވަޒީރު ވިދާޅުވީ ވިލާތަށް ޔޫކްރޭން ގެއްލިއްޖެ ނަމަ، ވިލާތު ސަރަހައްދު އެ ގޮތުގައި ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ވިލާތު ސަރަހައްދު ވާނީ ނާކާމިޔާބުވެ، ލަދުގެންފައިވާ ސަރަހައްދަކަށް ކަމަށްވެސް ޕޯލަންޑްގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު ވިލާތުގެ އިއްތިހާދު (އީޔޫ) އިން ބުނީ ޔޫކްރައިންއަށް ދަތުރު ކުރެއްވި ލީޑަރުން އެ ގައުމަށް ވަޑައިގެންނެވީ ވަކި މެންޑޭޓެއް ހިއްޕަވައިގެން ނޫން ކަމަށެވެ.

ރޭލުގެ ލީޑަރުން ދަތުރުފުޅު ކުރެއްވީ، ވައިގެ މަގުން ދަތުރު ކުރެއްވި ނަމަ، ރަޝިއާގެ ރާޑަރަށް އަރާލެއް ފަސޭހަ ވެ، މަސްރަހު އިތުރަށް ނުރައްކާވެދާނެ ކަމަށް ބައްލަވައިގެންނެވެ.