ސްރީލަންކާގެ އިދިކޮޅު ސިޔާސީ އިއްތިހާދު، ސަމާގީ ޖަނާ ބާލަވެގަޔާ (އެސްޖޭބީ) އިން އިންތިޒާމު ކޮށްގެން، ވެރިރަށް ކޮޅުނބުގައި ވަރުގަދަ މުޒާހަރާއެއް ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ މި މުޒާހާރާގައި، އެ ގައުމުގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. މުޒާހަރާއަށް ފަހު ރެލީއެއްވެސް ކުރިއަށް ގެންގޮސްފައި ވާ އިރު، އެކަމުގައި އިސްކޮށް ހަރަކާތްތެރިވީ އިދިކޮޅު ލީޑަރު ސަޖީތު ޕްރޭމަދާސައެވެ.

ސްރީލަންކާގެ ރިޔާސީ އިދާރާ ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި ބޭނުން ކުރީ "ގައުމު ހަލާކުވެއްޖެ- ވާވަރަށް ކެތް ކުރެވިއްޖެ" މި ޝިއާރެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ދެކޮޅު ޖެއްސޭ ވަރަށް ވުރެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ، ދަނޑުބިންތަކަށް ބޭނުންވާ ގަހުކާނާ ނުލިބުމާ، ތެލާއި ގޭސް ލިބުން ދަތިވުމާ، އާންމު ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ޕްރެޝަސަރުތަކާ ގުޅިގެންނެވެ.

އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި ދަނޑުވެރިންނާއި، މަސްވެރިންގެ އިތުރުން އާންމު ހިދުމަތުގެ ހާދިމުންނާއި، ޓްރޭޑް ޔޫނިއަންތަކުގެ މަންދޫބުންނާއި ބަދަނީ ޖަމިއްޔާތަކުގެ މެންބަރުންނާއި ސިޔާސީ އެކްޓިވިސްޓުންވެސް ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ. މުޒާހަރާގެ ބައިވެރިން ހިނގާލުން ކުރިއަށް ގެންދިޔައިރު، މަގުގެ ދެ ފަރާތުގައި އެކަމަށް ތަރުހީބު ދިނުމަށްވެސް މީހުން ތިބި ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މުޒާހަރާގެ އެކި ހިސާބުތަކުގައި ސަންދޯއްތަކެއްވެސް އުފުލާފައެވެ. އަދި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސް އޮފީހުގެ އިދާރާއަށް ވަނުމަށްވެސް ޑިމާންޑް ކުރިއެވެ. އެއާއެކު ސަލާމަތީ ބާރުތަކާ މުޒާހަރާގެ ބައިވެރިންނާ ދެމެދު މަސްރަހު ހޫނުވެ، ސަންދޯއްތަކުގައި ހުޅުޖެހި މަންޒަރު ވަނީ ފެނިގެންގޮސްފައެވެ.

މި ދަނޑިވަޅަކީ އިގުތިސޯދީ އަދި މާލީ ގޮތުން ސްރީލަންކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާ ދަނޑިވަޅެކެވެ. ބޭރު ފައިސާގެ ރިޒާވް ދަށްވެ، ގައުމަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެ ކުރުމުގައިވެސް ދަތިތަކެއް ކުރިމަތި ވެފައި ވާއިރު، ލަންކާ ބާޒާރުގައިވެސް ތަކެތީގެ އަގުތައް ދަނީ އިންތިހާ ހަލުވި މިނުގައި އުފުލެމުންނެވެ.