ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން ދާ އެންސިސް ކުންފުނިން ވިއްކާ އެންޒީ ބްރޭންޑްގެ މުގުރި މަސް ޕެކެޓެއްގައި ދިރޭ ސޫފި ހުއްޓާ ފެނިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެންޒީގެ ބްރޭންޑުތައް ވިއްކަމުންދާ ފިހާރައެއްގައި ހުރި މުގުރިމަސް ޕެކެޓެއްގައި ދިރޭ ސޫތްޕެއް އުޅޭ މަންޒަރު ފެނެއެވެ. ނަމަވެސް އެއީ ކޮން ކަހަލަ ދިރޭ ސޫތްޕެއް ކަން އަދި ސާފެއް ނޫނެވެ.

މިކަމާ ގުޅިގެން އެންސިސްގެ އިސް އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ، ފިހާރަތަކުގައި މިވަގުތު ހުރި މުގުރިމަސް ޕެކެޓުތައް ވަނީ ނަގާފައި ކަމަށެވެ.

"ތިކަން ބަލަމުން މިދަނީ، މިވަގުތު ފިހާރަތަކުގަ ހުރި ހުރިހާ މުގުރިމަހެއް ވާނީ ރިމޫވް ކުރެވިފަ." އޭނާ ވިދާޅުވިއެވެ.

އެންސިސް އަކީ މަހުގެ ގިނަ ބްރޭންޑްތައް ބާޒާރަށް ނެރެ ވިއްކާ ކުންފުންޏެވެ. އަދި ރާއްޖޭގައި ޕްރޮސެސް ކޮށްގެން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތްވެސް އެންސިސް އިން ކުރެއެވެ.