ރަޝިއާގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު ޔޫކްރައިންއަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި މާޗް 13، 2022 ވަނަ ދުވަހުގެ ނިޔަލަށް، 85 ކުޑަކުއްޖެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް، ޔޫކްރައިންގެ އެޓާނީ ޖެނެރަލްގެ އޮފީހުން އާންމު ކުރި ރަސްމީ ބަޔާނެއް ބުނެފިއެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ފެށި ހަނގުރާމާގައި މާޗް 13، 2022 ވަނަ ދުވަހުގެ ނިޔަލަށް، 100 އެއްހާ ކުޑަކުދިން ޒަހަމް ވެފައި ވާ ކަމަށްވެސް ޔޫކްރައިންގެ އެޓާނީ ޖެނެރަލްގެ އޮފީހުން އާންމު ކުރި ރަސްމީ ބަޔާނުގައިވެއެވެ.

ރަޝިއާއިން ޔޫކްރައިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ވަރުގަދަ ކުރަމުން ދާ އިރު، ތައުލީމު ފޯރުކޮށްދޭ 369 މުއައްސަސާއަކަށް އެކި ވަރުގެ ގެއްލުންތައް ދީފައި ވާ އިރު، 57 ތަނެއް ސުންނާފަތިކޮށްލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް އިރު ރަޝިއާއިން ވަނީ ޕޯލަންޑް ބޯޑަރު ސަރަހައްދުގައި އޮތް ޔޫކްރައިންގެ ބޭސްއަކަށް އަމާޒުކޮށް، ހޯމަ ދުވަހުގެ ވަގުތެއްގައި ހަމަލާ ދީފައެވެ. މި ހަމަލާގައި 35 މީހެއްގެ ފުރާނަ ގެއްލި، 130 މީހަކު ޒަހަމްވި ކަމަށް މައުލޫމާތު ލިބެއެވެ.

ދިފާއުގައި ރަޝިއާއިން ބުނީ، ހަމަލާ އަމާޒު ކުރީ ހަތިޔާރު ގުދަނަކަށް ކަމަށާ، އެ ތަނަކީ ބޭރުގެ ގައުމުތަކުން ސަޕްލައި ކުރި ހަތިޔަރު ބަހައްޓާފައި ވާ ތަން ކަމަށެވެ. އަދި މަރާލާފައި ވަނީ ބޭރުގެ 180 ހަނގުރާމަވެރިއެއް ކަމަށްވެސް ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.