ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ އަލުއްވާއި ޓޮމާޓޯގެ އަގުތައް ދަސްކުރައްވަން ނޫން ކަމަށާ، ނަމަވެސް ގައުމުގެ ޒުވާނުންގެ ހައްގުގައި ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބާޒާރުގައި ތަކެތީގެ އަގުތައް ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައި ވާ މިދަނޑިވަޅުގައި، ޕަންޖާބުގެ ހާފިޒްއާބާދުގައި ކުރިއަށް ދިޔަ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާޏް ވިދާޅުވީ، ޕާކިސްތާނަކީ، ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަރައްގީގެ ރޮނގުން ރެކޯޑްތަކެއް މުގުރާލާނެ ގައުމެއް ކަމަށެވެ.

މި ފަދަ ރޫހެއްގައި އިމްރާން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ގާނޫނު ހަދާ މަޖިލީހުގައި، އިމްރާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ހުށަހަޅާފައި ވާ ދަނޑިވަޅެއްގައެވެ.

އޯގަސްޓް 2019 އިން ފެށިގެން ޕާކިސްތާނުގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން، ވަޒީފާ ނުލިބުމުގެ މައްސަލަތައް ކުރިމަތިވަމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.

މިދިޔަ ފެބުރުއަރީ މަސް ނިމެން ދަނިކޮށް، ޕާކިސްތާނުގެ ކުރީގެ މާލީ ވަޒީރު ޑރ ހަފީޒް އޭ ޕާޝާ ވަނީ، އެގައުމުގެ ކަރަންޓް އެކައުންޓް، ރެކޯޑް އަދަދަކަށް ޑެފިސިޓް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކަރަންޓް އެކައުންޓް ޑެފިސިޓް، 20 ބިލިއަން ޑޮލަރު ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 6 ޕަސެންޓަށް އަރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކަރަންޓް އެކައުންޓް ޑެފިސިޓަކަށް ދަނީ، ގައުމަކުން މުދާ އެކްސްޕޯޓް ކުރާ ވަރަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން މުދާ އިމްޕޯޓް ކުރުމުންނެވެ.

ކަން މިހެން އޮތް އިރު ޕާކިސްތާނުގެ އާންމު ދަރަނި، ޖުލައި 2021 އިން ޖެނުއަރީ 2022 އަށް، 9.5 ޕަސެންޓް އުފުލިފައި ވާ ކަމަށް، ޕާކިސްތާނުގެ މަރުކަޒީ ބޭންކުގެ ރެކޯޑްތަކުން ވަނީ ދައްކާފައެވެ.