މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އާދަމް މުހައްމަދު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަފީގު މަގާމުން ވަކިކޮށް، އެ އެކުންފުނީގެ ބޯޑު މެންބަރު ކަމަށް އަދި އެމްޑީ ކަމުގެ މަގާމަށް އާދަމް އައްޔަންކޮށްފައިވާ ކަމަށެވެ. އާދަމް މީގެކުރިން ހުންނެވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އެމްޑީގެ މަގާމުގައެވެ.
ވެމްކޯ އާއި ޕޯސްޓް އޮފީހުގެ އިސްވެރިންނަށް ބަދަލު ގެނައި ވަކި ސަބަބެއް ސަރުކާރުންނާއި ޕްރައިވެޓައިޒޭޝަން ބޯޑުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމާ ގުޅިގެން ޕްރައިވެޓައިޒޭޝަން ބޯޑުން މިމަހުގެ އެއްވަނަ ދުވަހު ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ އެ މަގާމުން ވަކިކޮށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.