އިގުތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައި ވާ އަވަށްޓެރި ސްރީލަންކާގައި ކާގޯ ކޮންޓޭނަރު އުފުލާ އަގު، 60 ޕަސެންޓް ބޮޑުކޮށްފިއެވެ.

މާޗް 13، 2022 ވަނަ ދުވަހުގެ ރޭ ދަންވަރު 00:00 އިން ފެށިގެން ކާގޯ ކޮންޓޭނަރު އުފުލާ ރޭޓް 60 ޕަސެންޓް ބޮޑު ކޮށްފައި ވަނީ، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އާއި ލަންކާ އައިއޯސީއިން ތެލުގެ އަގަށް ބަދަލު ގެނެސް، އަގު އުފުލުމަށް އިއުލާން ކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ކާގޯ ކޮންޓޭނަރު އުފުލާ ރޭޓް 60 ޕަސެންޓް ބޮޑު ކޮށްފައި ވާ ކަން، ކޮންޓޭނާ ޓްރާންސްޕޯޓާޒް އެސޯސިއޭޝަނުން ވަނީ އިއުލާންކޮށްފައެވެ. މިއާއެކު، މުދާ އިމްޕޯޓް ކުރާ ފަރާތްތަކުން ވަނީ، ފްރެއިޓް އަގު އުފުލުމުގެ ސަބަބުން، އިމްޕޯޓް މުދަލުގެ އަގު އަދިވެސް އިތުރަށް މައްޗަށް ދާނެ ކަމަށް ބުނެފައެވެ.

ކަން މިހެން އޮތް އިރު، ސްރީލަންކާގައި ސިމެންތި ވިއްކާ ފަރާތްތަކުންވެސް ވަނީ މުދަލުގެ އަގު ބޮޑު ކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. ސިމެންތީގެ އަގު ބޮޑު ކޮށްފައި ވަނީ މާޗް 12، 2022 އިން ފަށައިގެންނެވެ. މީގެ ކުރިން 1375 ސްރީލަންކަން ރުޕީޒްއަށް ވިއްކި، 50 ކިލޯގެ ސިމެންތި ބަސްތާއެއްގެ އަގު މިހާރު ވަނީ 1850 ސްރީލަންކަން ރުޕީޒްއަށް ބޮޑު ކޮށްފައެވެ.

ލަންކާގައި ސިމެންތީގެ އަގު ބޮޑު ކުރި ކަމުގައި ވީ ނަމަވެސް، ޑިމާންޑާ އެއްވަރަށް ސިމެންތި ނުލިބޭ ކަމަށް، ސިމެންތީގެ ބޭނުން ކުރާ ކޮންޒިއުމަރުން ދަނީ ބުނަމުންނެވެ.