ޗެރްނޮބީލް ނިއުކްލިއާ ޕަވާ ޕްލާންޓާއި ޔޫކްރައިންއާ ދެމެދު އޮތް މުއާސަލާތީ ހުރިހާ ގުޅުމެއް ކެނޑިފައި ވާ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ) އިން ބުނެފިއެވެ.

އައިއޭއިން މިފަދަ ބަޔާނެއް އާންމު ކޮށްފައި މިވަނީ ޗެރްނޮބީލް ނިއުކްލިއާ ޕަވާ ޕްލާންޓްގެ އެކްސްޓާނަން ޕަވާ ސަޕްލައިގެ ހިދުމަތް މުޅިން ކެނޑުނުތާ 1 ދުވަސް ފަހުންނެވެ.

އައިއޭއީއޭގެ އިސްވެރިޔާ ރަފާއެލް މާރިއާނޯ ގްރޮސީ ވިދާޅުވީ، އެ ޕްލާންޓުގައި ހަކަތަ އިޔާދަ ކޮށްފައި ވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވާ ކަމަށާ، އެ މައުލޫމާތު ކަށަވަރު ކުރެވޭތޯ ބަލަމުން ދާ ކަމަށެވެ.

ޔޫކްރައިންގެ ރެގިއުލޭޓަރީ އޮތޯރިޓީއިންވަނީ، ޗެރްނޮބީލް ނިއުކްލިއާ ޕަވާ ޕްލާންޓަށް ހަކަތަ ފޯރުކޮށްދެމުން ދަނީ އެމާޖެންސީ ޖަނަރޭޓަރު ބޭނުން ކޮށްގެންކަން، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި، އައިއޭއީއޭއަށް އަންގާފައެވެ.

އައިއޭއީއޭއިން ބުނީ ސައިޓާއި ޔޫކްރައިންއާ ދެމެދު އޮތް މުއާސަލާތީ ގުޅުން މުޅިން ކެނޑުމުގެ ކުރިން، އެ ސައިޓަށް ހަކަތަ ފޯރުކޮށްދޭ ނަރުތައް ހަލާކު ވެފައި ވާ ކަމަށާ، ގްރިޑުން ވަކިވެފައި ވާ ކަމުގެ މައުލޫމާތު ޔޫކްރައިނުން އެ އިދާރާއާ ހިއްސާ ކޮށްފައި ވާ ކަމަށެވެ.

އައިއޭއީއޭއިން ބުނާ ގޮތުގައި ގުރިޑުން ޕްލާންޓް ވަކިވުމަކުން އިތުރު ނުރައްކަލެއް ނެތެވެ. އެހެނީ ރޭޑިއޯއެކްޓިވް ކުނިބުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ސައިޓްގައި ކަރަންޓާ ނުލާވެސް މަސައްކަތް ކުރިއަށް ގެންދެވޭނެ ހަކަތަ ހުރުން ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިންގައި ހުންނަ ޗެރްނޮބީލް ނިއުކްލިއާ ޕަވާ ޕްލާންޓްގެ ކޮންޓްރޯލް މިހާރު އޮތީ، އެ ގައުމަށް އަރާ ހަނގުރާމަ ކުރަމުން އަންނަ ރަޝިއާގެ އަތުގައެވެ.

އައިއޭއީއޭއިން ބުނާ ގޮތުގައި ޔޫކްރައިންގައި ހުރި 15 ނިއުކްލިއާ ރިއެކްޓަރުގެ ތެރެއިން 8 ރިއެކްޓަރުގެ އޮޕަރޭޝަންތައް ކުރިއަށް ދެއެވެ. އަދި ރޭޑިއޭޝަން މޮނިޓާ ކުރުމާ ގުޅޭ ކަންކަމުގައި ޔޫކްރައިންގެ ކަމާ ބެހޭ ފަރާތްތަކާ ގުޅުން އެބައޮތްކަންވެސް އައިއޭއީއޭއިން ވަނީ ހާމަކޮށްފައެވެ.