ދިހަ އަހަރު ފަހުން މޯލްޑިވިއަނުން އަވަށްޓެރި ލަންކާއަށް ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނީ، މިމަހުގެ 27 އިން ފެށިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ލަންކާގެ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް (ކޮލަމްބޯ ރަޓްމަލަނާ އެއާޕޯޓް) އާ ދެމެދު ދަތުރުތައް ކުރާނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ރަޓްމަލަނާ އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމާފައިވަނީ އެއީ ގިނަ ދިވެހިންތަކެއް އުޅޭ ސަރަހައްދަކަށް ވާތީއެވެ. އެ ސަރަހައްދަށް ދަތުރުތައް ފެށުމުން، ގިނަ ދިވެހިންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މޯލްޑިވިއަނުން ރަޓްމަލަނާ އެއާޕޯޓަށް އަދި ތާވަލުކޮށްފައިވަނީ މިމަހު 27، 29، 31، އަދި އަންނަ މަހުގެ ތިންވަނަ ދުވަހު ދަތުރުކުރާ ގޮތަށް ކަމަށްވީ ނަމަވެސް، ދަތުރުތަކަށް ލިބޭ ތަރުހީބަށް ބެލުމަށްފަހު ފްލައިޓްތައް އިތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މާލޭން ކޮލަމްބޯއަށް ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 299 އެމެރިކާ ޑޮލަރަށެވެ.