ޔޫކްރައިންގެ ދެކުނުއިރުމަތީ ސިޓީއެއް ކަމަށް ވާ މަރިއުޕޮލްގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް އަމާޒުކޮށްގެން ރަޝިއާއިން ދިން ބޮމުގެ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޒެލެންސްކީ ވިދާޅުވީ މިފަދަ ޖަރީމާއަކީ ޔޫކްރޭނުން ޑޮނެޓްސްކްއާއި ލުހާންސްގެ އިތުރުން އެހެންވެސް ސަރަހައްދެއްގައި ހިންގާނޭ ފަދަ ޖަރީމާއެއް ނޫން ކަމަށެވެ. ޒެލެންސްކީ ބަޔާން ކުރެއްވި ސަރަހައްދުތަކަކީ، ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެ، މިނިވަން ދައުލަތްތަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ސަރަހައްދުތަކެކެވެ.
ޔޫކްރޭނުން އެފަދަ ކަމެއް ނުކުރާނީ އެއީ އިންސާނުން ކަމުގައި ވާތީ ކަމަށް ވިދާޅުވެ، ޒެލެންސްކީ ވަނީ ރަޝިއާގައި އިންސާނިއްޔަތު ކަމެއް އޮތްތޯ ސުވާލު އުފައްދަވާފައެވެ. އަދި ރަޝިއާއަކީ ކޮން ފަދަ ގައުމެއްތޯ ސުވާލު ކުރައްވަމުން ޒެލެންސްކީ ވަނީ، ހޮސްޕިޓަލްތަކާއި މާބަނޑު މީހުންގެ ވޯޑުތައް ދެކެ ބިރު ގަނެ، ޖެހިލުން ވަނީތޯވެސް ސުވާލު ކުރައްވާފައެވެ.
އދއިންވެސް ވަނީ ރަޝިއާގެ ހަމަލާއަކީ ބައިނަލްއަގުވާމީ އިންސާނިއްޔަތު ކަމުގެ ގާނޫނާ ހިލާފު އަމަލެއް ކަމަށް ސިފަކޮށްފައެވެ. އިންސާނީ އެހީއާ ބެހޭ އދގެ އިސް އޮފިޝަލް މާޓިން ގްރިފިތުސް ވިދާޅުވީ، މިއީ ހުރިހާ ގޮތަކުންވެސް ހައިރާންކަން ގެނުވަނިވި ހަމަލާއެއް ކަމަށާ، އެހެނީ، މި ހަމަލާ އަމާޒުވީ ސިއްހީ މަރުކަޒަކަށް ވުން ކަމަށެވެ.
ހައިރާންކަން ގެނުވަނީ ހަމަލާގައި ތުއްތު ކުދިންނާއި އަލަށް އުފަންވެފައި ވާ ކުދިން މަރުވާތީ ކަމަށްވެސް ގްރިފިތުސް ވަނީ ފާހަގަ ކުރައްވާފައެވެ.
މިކަން ކުރި ބަޔަކު ހޯދޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށާ، އެ ފަރާތްތައް ޖަވާބު ދާރީ ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށްވެސް އދގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވެސް ވަނީ މި ހަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި ރައްޔިތުންނާ ގުޅުން ނެތް ކަމެއްގައި ކުރަމުން ދާ ހަނގުރާމައެއްގެ އެންމެ ބޮޑު އަގެއް އަދާ ކުރަމުން ދަނީވެސް ރައްޔިތުން ކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. ތާކުން ތާކު ނުޖެހޭ މި ހަމަނުޖެހުން ހުއްޓަން ޖެހޭ ކަމަށާ، މި ލޭއޮހޮރުވުމަށް ނިމުން ގެންނަން ޖެހޭ ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
މަރިއުޕޮލްއަކީ ރަޝިއާގެ ހަމަލާތައް މިހާރު އެންމެ ވަރުގަދަ ވެފައި ވާ ސަރަހައްދަށް ވާއިރު، އެ ސަރަހައްދުން މަރުވި މީހުންގެ އަދަދު މިހާރު 1200 އަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.