އޮސްޓްރޭލިއާގެ 2 ސްޓޭޓެއްގައި ފެންބޮޑުވުމުގެ ސަބަބުން ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާނެ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އިއުލާން ކުރައްވައިފިއެވެ.

ނިއު ސައުތު ވޭލްސްއާއި ކުއީންސްލަންޑް ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 20 އަށް އަރާފައި ވާ ކާމަށް ހަބަރު ލިބެއެވެ. ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކުރި ރެކޯޑް ވިއްސާރާގެ ސަބަބުން އެތައް ހާސް ގެއެއް ވަނީ ފެނު އަޑީގައެވެ.

ހާލުގައި ޖެހިފައި ވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓޭޓް އަދި މައި ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ރުޅިވެރިކަން ފާޅު ކޮށްފައެވެ.

އެގޮތުން ވެހެމުން ދިޔަ ބޯ ވިއްސާރާގައި، ފުރާޅެއްގެ މަތީގައި، އުމުރުން އެންމެ 2 އަހަރުގެ ކުއްޖަކު ގޮވައިގެން 16 ގަޑިއިރު ހުންނަން ޖެހުނު މީހަކު ވަނީ، ބައިނަލްއަގުވާމީ މީޑިއާއާ އޭނާގެ ޝަކުވާ ހިއްސާ ކޮށްފައެވެ.

މިފަދަ ދަނޑިވަޅެއްގައި ގައުމީ ފެންވަރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ، ފެޑެރަލް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް، ސީދާ ގޮތެއްގައި ކަންކަމުގައި ޝާމިލުވެ އުޅުމަށް ފުރުސަތު ފަހި ކުރާނެ ކަމެކެވެ.

ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާނެ ކަމަށް މޮރިސަން ވިދާޅުވި އިރު، ފެނުގެ އަސަރު ކޮށްފައި ވާ އާންމުންނާއި ވިޔަފާރިތަކަށް އިތުރު ރިލީފް ފައިސާ ހަމަޖައްސާ ދެވޭނެ ކަންވެސް ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އޮސްޓްރޭލިއާގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތަށް ރަސްމީ ސިފަ ލިބޭނީ ސްޓޭޓްތަކުގެ ވެރިންގެ އިތުރުން އޮސްޓްރޭލިއާގެ ގަވަނާ ޖެނެރަލް ސޮއި ކުރެއްވުމުންނެވެ. އެކަން ވާން އަންނަނީ ހުކުރު ދުވަހު ކަމަށް މޮރިސަން ވަނީ އިޝާރާތް ކުރައްވާފައެވެ.