މާލޭ ރައްޔިތުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ނިންމާފައިނުވާ ކަމަށާއި، ދެވަނަ ފިޔަވަހިން މާލެ ރައްޔިތުންނަށް ގޯތި ދޭނީ ހިލޭ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ގޯތި ނުވިއްކާނެ ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފައި ވަނީ، މިދިޔަ މަހުގެ 22 ގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގެ ޖަވާބުގައެވެ.

ރައީސް އޮފީހުން މުއިއްޒަށް ފޮނުވި ސިޓީގައި ބުނީ، ހުޅުމާލޭން މަދުވެގެން 1،000 ގޯއްޗާއި، ގުޅިފަޅުން މަދުވެގެން 2،000 ގޯއްޗާއި، ގިރާވަރު ފަޅު ހިއްކައިގެން މާލެ މީހުންނަށް އެ ބިމުން ގޯތި ދޭނެކަމަށް ރައީސް އިއުލާނު ކުރެއްވިއިރު، ގޯތި ވިއްކާ ވާހަކަ ވިދާޅުވެފައި ނުވާ ކަމަށެވެ.

"އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް، ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާލުކުރައްވާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ އިރު، ގޯތި ވިއްކުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާނެކަން މަނިކުފާނު [މޭޔަރު މުއިއްޒު]ގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ރައީސް އޮފީހުން ބުންޏެވެ.

މީގެ ކުރިންވެސް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްތަކުން އެ ރަށެއްގެ ބިން ހިއްކާފައި ރައްޔިތުންނަށް ހިލޭ ދޭއިރު މާލޭއިން ބިން ހިއްކާފައި ވިއްކުމަކީ ހަމަހަމަކަން ނެތިގެންދާ ކަމެއް ކަމަށާއި، އެހެންވެ، މާލެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 1،000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ރައީސަށާއި ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އެހެނިހެން ރަށްރަށުގައިވެސް ގޯތި ހިލޭ ދޭ އުސޫލުން މާލޭ ރައްޔިތުންނަށް ހިލޭ ދެއްވުމަށް އެދި ރައީސަށް ސިޓީއެއް ފޮނުއްވަވާފައިވާނެ ކަމަށް އޭރު ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވެފައިވެއެވެ.

ހުޅުމާލޭން މާލޭ ރައްޔިތުންނަށް 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން މިހެން ބުނެފައި ވާއިރު، މާލެ ރައްޔިތުންނަށް އިންވަކިކޮށް ގޯތީގެ ފަތް ދީފައި މެނުވީ ރިޔާސީ ދައުރު ނިންމަވާ ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވެއެވެ.

އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.