ރަޝިއާގެ އަސްކަރިއްޔާއިން މިދިޔަ ހުކުރު ދުވަހު ގޮއްވާލި ޔޫކްރައިންގެ ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓްގައި، ރަޝިއާގެ އަސްކަރިއްޔާއިން ނުފޫޒު ގަދަ ކުރަމުން އަންނަ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއިއޭ) އިން ބުނެފިއެވެ.
ޔޫކްރައިންގެ ދެކުނުއިރުމަތީ ސަރަހައްދުގައި ހުންނަ ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓަކީ ވިލާތުގައިވެސް ހުރި އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓެވެ.
ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓްގައި އެއްވެސް ޒާތެއްގެ އޮޕަރޭޝަނެއް ހިންގުމަށް ނުވަތަ މެއިންޓަނަންސް މަސައްކަތެއް ކުރުމަށްވެސް މިހާރު ހުއްދަ ހޯދަން ޖެހެނީ ރަޝިއާގެ އަސްކަރީ ބާރުތަކުގެ ކިބައިން ކަމަށް ޔޫކްރައިންގެ ނިއުކްލިއާ ރެގިއުލޭޓަރުން އައިއޭއީއޭއަށް އަންގާފައި ވާ ކަމަށް، އައިއޭއީއޭގެ ޑައިރެކްޓާ ޖެނެރަލް، ރަފާއެލް ގްރޯސީ ވަނީ ވިދާޅުވެފައެވެ.
ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓުގެ ބައެއް މޯބައިލް ނެޓްވޯކްތަކާއި އިންޓަނެޓްގެ ހިދުމަތްވެސް ރަޝިއާގެ ބާރުތަކުން ކަނޑާލާފައި ވާ ކަމަށާ، މިކަމުގެ ސަބަބުން އާންމު މީޑިއަމްތައް ބޭނުންކޮށްގެން ސައްހަ މައުލުމާތު ދެނިވި މުއާމަލާތު ކުރުމަށް ހުރަސްތަކެއް ކުރިމަތި ވެފައި ވާ ކަންވެސް އައިއޭއީއޭގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.
އައިއޭއީއޭގެ ޑައިރެކްޓާ ޖެނެރަލް ވިދާޅުވީ ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓުގެ މަސްރަހު ބަދަލު ވަމުން ދާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓް ސަރަހައްދުގައި ރޭޑިއޭޝަން މިންވަރު ހުރީ އާންމުކޮށްވެސް އެ ހުންނަ މިންވަރަށް ކަން، އައިއޭއީއޭއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ރަޝިއާގެ އަސްކަރީ ބާރުތަކުން ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓް ހިފީ، ފުރިހަމަ އަސްކަރީ ބާރާއެކު ޔޫކްރައިންއަށް އަރާ، ހަނގުރާމަ ކުރަމުން ދާތާ 9 ވަނައަށް ވީ ދުވަހުއެވެ. އެ ސަރަހައްދުގައި ރަޝިއާއިން ދިން ހަމަލާތަކުގެ ސަބަބުން ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓް ސައިޓްގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، މުޅި ދުނިޔެ، ހާސް ކަމެއްގެ ތެރެއަށް ވައްޓާލިއެވެ. މާ ބޮޑު ގެއްލުމެއް ނުލިބެނީސް އެ އަލިފާންޑު ކޮންޓްރޯލްކޮށް، ނިއްވާލިއެވެ.
ރަޝިއާއިން ވަނީ ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓު ގޮއްވާލި ހަމަލާއަކީ ޔޫކްރައިންގެ ބަޔަކު ހިންގި އަމަލެއް ކަމަށް ތުހުމަތު ކޮށްފައެވެ.
ޔޫކްރައިންއަކީ ދުނިޔެ ސިއްސުވާލި ޗެރްނޮބީލް ނިއުކްލިއާ ކާރިސާ ހިނގާ ދިޔަ ގައުމުވެސްމެއެވެ. 1986 ވަނަ އަހަރުގެ އެ ހާދިސާއަކީ އިންސާނީ ތާރީހު ދުށް އެންމެ ގެއްލުންދެނިވި ނިއުކްލިއާ ކާރިސާއެވެ.