ޔޫކްރައިން ތެރޭގައި ހަނގުރާމަ ކުރުމަށްޓަކާ، ރަޝިއާއިން ސޫރިއާގެ ހަނގުރާމަވެރިން ރެކްރޫޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެމެރިކާގެ އޮފިޝަލުންތަކެއް ތުހުމަތު ކުރައްވައިފިއެވެ.

ޔޫކްރައިންގައި އެއްގަމު މަގުން ކުރާ ހަނގުރާމަ ވަރުގަދަކޮށް، ބޮޑެތި ސިޓީތަކެއް ހިފުމަށް ރަޝިއާއިން އަމާޒު ހިފާފައި ވާ މި ދަނޑިވަޅުގައި، ރަޝިއާއިން ދަނީ، ފައިސާއަށް ހަރަކާތްތެރިވާ ސޫރިއާގެ ހަނގުރާމަވެރިން ރެކްރޫޓު ކުރަމުން ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ އެ ގައުމުގެ ދުވަހު ނޫހެއް ކަމަށް ވާ ވޯލް ސްޓްރީޓް ޖާނަލްއަށް ވިދާޅުވެފައެވެ.

ރަޝިއާއިން ކުރަމުން ދާ ހަނގުރާމައާ ގުޅުމަށް ސޫރިއާއިން ރުހުން ދީފައި ވަނީ ކިހާ ހަނގުރާމަވެރިންނެއް ކަން ވިދާޅުވެދެއްވުމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލުން އިންކާރު ކުރެއްވި ނަމަވެސް، ބައެއް ހަނގުރާމަވެރިން މިހާރުވެސް ރަޝިއާއަށް ދަތުރު ކޮށް، ޔޫކްރައިންގައި މަރުކަޒު ވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގާޑުންގެ ގޮތުގައި ޔޫކްރައިންގައި 6 މަސް ދުވަހު މަސައްކަތް ކުރުމަށް، 200 ޑޮލަރާއި 300 ދެމެދު އަގެއްގެ އުޖޫރައެއް ރަޝިއާއިން ހުށަހަޅާފައި ވާ ކަމަށް، ސޫރިއާގެ ނޫހަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

10 އަހަރަށްވުރެ ދިގުލާ ގޮސްފައިވާ ހަނގުރާމައެއްގެ ތެރޭގައި އުޅުނު ސޫރިއާގެ ހަނގުރާމަވެރިން ބައިވެރި ކުރުވުމަކީ، ޔޫކްރައިންގެ މުހިންމު ސިޓީތައް ހިފުމުގައި ރަޝިއާގެ އަސްކަރިއްޔާއަށް ލިބޭނެ ފައިދާ ބޮޑު، ބާރަކަށް ވާނެ ކަމަށް ރަޝިއާ ސަރުކާރުގެ އޮފިޝަލުން ގަބޫލު ކުރައްވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ތުހުމަތު ކުރެއެވެ.

ފެބުރިއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ދުވަހަކަށް ވުރެ ދުވަހެއް، ހަނގުރާމަ ވަރުގަދަ ކުރަމުން ދާ އިރު، ޔޫކްރައިންގެ ވެރިރަށް ކިއޭވް ހިފުމަށްވެސް ރަޝިއާއިން ވަނީ އަމާޒު ހިފާފައެވެ.