ނޫސްވެރިންގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ރަޝިއާއިން އަލަށް އެކުލަވާލި މީޑިއާ ގާނޫނު ކުށްވެރިކޮށް، އެމެރިކާއިން އަޑު އުފުލައިފިއެވެ.

ރަޝިއާ ސަރުކާރުން ވަނީ "ދޮގު ހަބަރު" ފަތުރާ ނޫސްވެރިން، 15 އަހަރު ދުވަހާ ހަމައަށް ޖަލަށް ލުމުގެ ބާރު ލިބިދޭ އާ ގާނޫނެއް، ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުންގެ މަތިގެއިން ވަނީ ފާސްކޮށްފައެވެ.

މި ގާނޫނު ކުށްވެރި ކުރަމުން އެމެރިކާއިން ވަނީ، ރަޝިއާގެ ހުރިހާ ސެކްޓަރަކުންވެސް އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ޕްރޮމޯޓް ކުރަމުން ދިއުމަށް ގޮވާލާފައެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން ފާސްކުރި އާ ގާނޫނަކީ، އެ ގައުމުގެ އަސްކަރިއްޔާގެ ހައިބަތަށް އުނިކަން ގެނުވާ ކަމަށް ބުނާ ރިޕޯޓްތައް ޝާއިއު ކުރުންވެސް ޣައިރު ގާނޫނީ ކަމަކަށް ހަދާ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އިންތިހާއަށް ހަނި ކުރަނިވި ގާނޫނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާއިން މިފަދަ ގާނޫނެއް އެކުލަވާލާފައި ވާ މި ދަނޑިވަޅަކީ، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ދަނޑިވަޅެއް ކަން ފާހަގަ ކުރަން ޖެހެއެވެ.