ޓެކްސީ ސެންޓަރުތަކުން މަޝްވަރާ ކުރުމަށް ފަހު، ހިދުމަތްދޭ އަގުތައް ބޮޑުކުރަން ނިންމައިފިއެވެ.

މާލޭގައި ޓެކްސީގެ ހިދުމަތް ދެމުން ގެންދާ ހުރިހާ ސެންޓަރުތަކެއްގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި 14 ސެންޓަރަކުން ބައިވެރިވެފައި ވާއިރު، އެ ބައްދަލުވުމުގައި ސެންޓަރުތަކުން ވަނީ ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން، ޓެކްސީން ދެމުން ދާ ހިދުމަތްތަކުގެ އަގުތައް ބޮޑުކުރުމަށް ނިންމާފައެވެ.

އެގޮތަށް ނިންމާފައި ވަނީ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެންޓަރުތަކެއްގެ އިއްތިފާގުންނެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި ފާސްކުރި އަގުތަކަށް ހިޔާލު ހޯދައި، ދެ ދުވަހުގެ ތެރޭ ޓްރާންސްޕޯޓަށް އަގުތައް ހުށަހެޅުމަށާއި، އެ މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ކަމުގައިވިޔަސް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަގުތައް ބޮޑުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ޓެކްސީ ސެންޓަރުތަކުން ފާސްކޮށްފައިވާ އަގުތައް؛

  • މާލޭގެ އެތެރޭގެ ދަތުރުތައް: 30ރ
  • ހުޅުމާލޭގެ ދެ ފިޔަވަހީގެ އެތެރޭގެ ދަތުރުތައް: 25ރ
  • ހުޅުމާލެ ދެ ފިޔަވަހި ދެމެދު ކުރާ ދަތުރުތައް: 40ރ.
  • މާލެ ނުވަތަ ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް: 80ރ
  • މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 120ރ
  • މާލެ ނުވަތަ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • ހުޅުމާލެ ދެވަނަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 120ރ

އޭގެ އިތުރުން، ދަންވަރު 12 އިން ފެށިގެން ހެނދުނު 6 އަށް ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރަށް ނެގުމަށާއި، ޕްރައިވެޓް ހަޔާގެ ދަތުރުތަކަށް ގަޑިއިރަކަށް 250ރ ނަގަންވެސް ފާސްކޮށްފައި ވެއެވެ.

ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކާރުތަކުގެ މެއިންޓަނެންސާއެކު، ޖުމްލަ ހަރަދަށް ނަގާފައި ބާކީވާ ބައި މަދުވުމެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ޓެކްސީތަކުގެ އިތުރުން އާންމުންނަށްވެސް ހަރަދު ބޮޑުވެގެން ދެއެވެ. މާލެއާއި އަތޮޅުތަކުގައި ދިއްވާ 4 ފުރޮޅުލީ ވެހިކަލް އަށް ވުރެ ދުއްވާ 2 ފުރޮޅުލީ އުޅަނދު ގިނައެވެ.