ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައިގެ ކުރިމަތިލުންތައް އެންމެ ވަރުގަދަ ވެފައިވާ ޔޫކްރައިންގެ މަރިއުޕޮލް ގެ މަސްރަހު އެންމެ ތަފްސީލު ކޮށްދެއްވި އެކަކީ، އެ ސަހަރުގެ މޭޔަރު ވަޑީމް ބޮއިންޗެންކޯއެވެ. ދެކުނުގެ ސިޓީއެއް ކަމަށް ވާ މަރިއުޕޮލްގެ މަންޒަރު ސިފަ ކޮށްދެއްވަމުން މޭޔަރު ބޮއިންޗެންކޯ ވިދާޅުވީ ކަންތައްތައް ވަރަށް ގޯސް ކަމަށެވެ.

ޔޫޓިއުބް ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ބޮއިންޗެންކޯ ވިދާޅުވީ، ރަޝިއާގެ އަސްކަރިއްޔާއިން، އިންސާނީ އެހީގެ ފާލަމުގައި "ހުރަސް އަތުރާފައި" ވާ ކަމަށެވެ. ރަޝިއާގެ އަމަލުތަކުގެ ސަބަބުން، އިޖުތިމާއީ، ގިނަ މައްސަލަތަކެއްވެސް އެ ސިޓީއަށް ކުރިމަތި ވެފައި ވާ ކަން މޭޔަރު ބޮއިންޗެންކޯ ވަނީ ފާހަގަ ކުރައްވާފައެވެ.

މޭޔަރު ބޮއިންޗެންކޯ ވިދާޅުވީ، ގާތްގަނޑަކަށް 4 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް އެ ސިޓީއިން ކަރަންޓުގެ ހަކަތަ ކެނޑިފައި އޮންނަ ތާ 5 ދުވަސް ވެއްޖެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހޫނު ކުރާ ނިޒާމްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މަރިއުޕޮލްގެ ފިނި ހޫނު މިން މިހާރުވެސް ހުރީ 3 ޑިގްރީ ސެލްސިއަސްގައެވެ. ބައެއް ފަހަރު މައިނަސް 3 ނުވަތަ މައިނަސް 6 ޑިގްރީ ސެލްސިއަށްވެސް ވެއްޓެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން އެ ސިޓީއަށް ހަމަލާ ދޭން ފެށިފަހުން މޯބައިލް ނެޓްވޯކުގެ ހިދުމަތެއް ނުލިބެއެވެ. ފެނުގެ ރިޒާވް ސަޕްލައިވެސް ގެއްލި، ފެނުގެ ހިދުމަތްވެސް މުޅިން ކެނޑިފައި ވާ ކަމަށް މޭޔަރު ބޮއިންޗެންކޯ ވިދާޅުވިއެވެ.

"(ރަޝިއާ އަސްކަރިއްޔާގެ) މަގުސަދަކީ އިންސާނީ އެހީގެ ފާލަމުން ސިޓީ ވަކިކޮށްލުން. އަސާސީ މުދަލާ، ސިއްހީ ފަރުވާގެ ސަމާނާ، ތުއްތު ކުދިންގެ ކާތަކެތިވެސް އެތެރެ ކުރިޔަ ނުދިނުން. އަމާޒަކީ މުޅި ސިޓީ ހާސްކޮށްލުން. އަދި ނުއުފުލޭ ވަރުގެ ތަކުލީފު ޖެއްސުން" މޭޔަރު ބޮއިންޗެންކޯ ވިދާޅުވިއެވެ.

މޭޔަރު ބޮއިންޗެންކޯ އިތުރަށް ވިދާޅުވީ، ފާއިތުވީ 5 ވަރަކަށް ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ޒަހަމްވީ މީހުންނާއި މަރުވި މީހުންގެ އަދަދު ޑަޒަން ޑަޒަނުން ގުނާލެވޭ ކަމަށެވެ. 8 ވަނަ ދުވަހާ ހަމަށް އާދެވުނުއިރު، މިއަދަދު އެތައް ސަތޭކައަކަށް އަރާފައި ވާ ކަމަށެވެ. އެހެން ކަމުން، މިހާރު މި އަދަދު ގުނާލެވެނީ ހާހުން ކަމަށްވެސް މޭޔަރު ބޮއިންޗެންކޯ ވަނީ ފާހަގަ ކުރައްވާފައެވެ.

"އެމީހުން ބުނާ ގޮތުގައި ބޭނުނަމަކީ، ޔޫކްރައިން ދައުލަތުން، ޔޫކްރައިންގެ މީހުން މެރުމުން ސަލާމަތް ކޮށް ދިނުން. އެކަމަކު އަސްލު މީހުން މަރަމުން އެ ދަނީ އެމީހުން. އަޑު އަހާ، އަހަރަމެންގެ ހިތްވަރުގަދަ ޑޮކްޓަރުން، މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭތާ މިވީ 10 ދުވަސް. އެމީހުންގެ އާއިލާތަކާއެކު ނިދާ، ދިރިއުޅެމުން އެދަނީ އަހަރަމެންގެ ހޮސްޕިޓަލްތަކުގަ" މޭޔަރު ބޮއިންޗެންކޯ ވިދާޅުވިއެވެ.

މޭޔަރު ބޮއިންޗެންކޯ ވިދާޅުވީ އިންސާނީ އެހީގެ ފާލަން ހުރަސް ކުރުމަށްޓަކާ 50 ބަހެއް، ހަމަލާ ހުއްޓާލާނެ ވަގުތެއްގެ އިންތިޒާރުގައި ސަފު ހެދި ކަމަށެވެ. ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރައްކާތެރި ހިސާބުތަކަށް ބަސްތައް ބަދަލު ކުރަމުން ގޮސް، އިންސާނީ އެހީގެ ފާލަން ހުޅުވާ، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރަން ބަލާއިރު އެންމެ ބަހެއްވެސް ނެތުން އެކަށީގެންވާކަމަށް މޭޔަރު ބޮއިންޗެންކޯ ވިދާޅުވިއެވެ.

މިހާރު ކުރަން އޮތް ހާވެސް ކަމަކީ، ދެއްކުނު އަގެއް ދައްކާފައި، އިންސާނީ އެހީގެ ފާލަން ހުޅުވާލުން ކަމަށްވެސް މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.