ރަޝިއާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ޔޫކްރައިންގައި ހުންނަ ވިލާތުގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓްގައި އަލިފާން ރޯވެއްޖެއެވެ.

ޔޫކްރައިންގެ ކަމާ ބެހޭ ފަރާތްތަކުން ވެސް ވަނީ، އެ ގައުމުގެ ދެކުނުއިރުމަތީ ސަރަހައްދުގައި ހުންނަ ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓްގައި އަލިފާން ރޯވެފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ.

އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ) އިން މައުލުމާތު ދޭ ގޮތުގައި އަލިފާން ރޯވު ނިއުކްލިއާ ޕްލާންޓަކީ ޔޫކްރައިންގައި އޮޕަރޭޓް ކުރާ 15 ނިއުކްލިއާ ރިއެކްޓަރުގެ ތެރެއިން 6 ރިއެކްޓަރެއް ހުންނަ ޕްލާންޓް ކަމަށެވެ.

ޒޭޕޮރްއިޒިއާ ނިއުކްލިއާ ޕްލާންޓްގައި އަލިފާން ރޯވުމާއެކު، އެ ސަރަހައްދުގައި ހިންގަމުން ދިޔަ ކުރިމަތިލުންތައްވެސް ހުއްޓާލާފައި ވާ ކަމަށް އެ ޕްލާންޓްގެ ތަރުޖަމާނު، އެންދްރީ ތުސް ވަނީ ސީއެންއެންއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ރަޝިއާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ނިއުކްލިއާ ޕްލާންޓްގައި ރޯވި މައްސަލައާ ގުޅިގެން، އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވެވުމަށް މަސައްކަތް ކުރައްވާނެކަން ހާމަ ކުރައްވާފައެވެ.

އަލިފާނުގެ ސަބަބުން ޕްލާންޓަށް ލިބުނު ފުރިހަމަ ގެއްލުން އަދި ޔަގީން ނުވި ނަމަވެސް، ޕްލާންޓްގެ އަސާސީ އާލާތްތަކަށް އަސަރު ކޮށްފައި ނުވާ ކަމަށާ، ސީރިއަސް ގެއްލުންތަކެއް އެ ޕްލާންޓަށް ނުލިބޭ ކަމަށް ތުސް ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، އައިއޭއީއޭއިން ބުނީ ލިބިފައިވާ ގެއްލުންތަކުގެ އަސަރު ކުޑަ ކުރުމަށް، މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނިއުކްލިއާ ޕްލާންޓެއްގައި ރޯވެފައި ވީ ނަމަވެސް، ރޭޑިއޭޝަން ބޭރުވަމުން ނުދާ ކަމަށް ހަބަރު ލިބެއެވެ. ނިއުކްލިއާ ރެގިއުލޭޓަރުންނާއި އެމެރިކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހަބަރު ދޭ ގޮތުގައި، ރޭޑިއޭޝަންގެ މިންވަރު މިވަގުތު ހުރީ އާންމު ދަރަޖައެއްގައެވެ.

ހާލަތު ގޯސްވެގެންދާނީ އަލިފާނުގެ ސަބަބުން ރިއެކްޓަރަކާ ހިސާބަށް އަސަރު ފޯރާ، ރިއެކްޓަރުގެ ކޫލިންގް ސިސްޓަމް ހަލާކުވުމުންނެވެ. އެހާ ހިސާބުން ގިނަ އަދަދަކަށް ރޭޑިއޯއެކްޓިވް މާއްދާ ބޭރުވާން ފަށާނެއެވެ.

ހާވަޑް ޔުނިވާސިޓީގެ ޕްރޮފެސާ ގްރާމް އެލިސަން ވިދާޅުވީ، ޕްލާންޓްތައް ފަރުމާކޮށްފައި ހުންނަނީ އަލިފާނުގެ ހާދިސާތަކާ އޮޓޯއިން ކުރިމަތިލެވޭ ގޮތަށް ކަމަށެވެ. ނަމަވެސް އެއީ އެފަދަ ހުރިހާ ހާދިސާއެއް ނޫން ކަމަށެވެ. އެހެން ކަމުން، ހާދިސާ ހިނގި ސަރަހައްދުގެ މައްޗަށް ކަންތައްތަކެއް ބަރޯސާ ވާ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ މަސްރަހު ގާތުން ބަލަމުން އަންނަ އެމެރިކާއިން ވަނީ ނިއުކްލިއާ އިންސިޑެންޓް ރެސްޕޯންސް ޓީމު ހަރަކާތްތެރި ކުރުވާން ފަށާފައެވެ.