ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް އަށް 4 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.

ހަަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ބީލަން ހުޅުވާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެމުއްދަތު މިއަދު ހަމަވި އިރު 4 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއް ކަމެއް މިނިސްޓްރީއަކުން ހާމައެއް ނުކުރިއެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިމަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެ ކަމަށެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

2022 ވަނަ އަހަރުގެ މެދުތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދަމުންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސޯދީ މައި ހަބެއް ގާއިމު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ.

އެގޮތުން މި މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތު ރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެއް ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިކަމާއި މި ނޫން ވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގްތިސޯދު ފުޅާކުރުމަށް މި މަޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.