ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ބައިންއަގްވާމީ މުއާހަދާއެއް ދިވެހިރާއްޖޭގެ ތާއީދާ އެކު އެކުލަވާލުމަށް ފާސްކޮށްފިއެވެ.
މިކަން ފާސްކޮށްފާ ވަނީ ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގައެވެ. ދުނިޔޭގެ 193 މެންބަރު ގައުމުތަކުން ބައިވެރިވާ މި ބައްދަލުވުމުގައި ޕްލާސްޓިކުގެ ޒަރިއްޔާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގާނޫނީ ބާރު ލިބިދޭ މުއާހަދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރިޒޮލިއުޝަނެއް ވެސް ވަނީ ހުށައަޅާފައެވެ. މި ރިސޮލިއުޝަނަށް ރާއްޖެ އިން ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.
އެންވެރަމެންޓް މިނިސްޓްރީއިން ބުނީ ގާނޫނީ ގޮތުން ބާރު ލިބިދޭ އެ ފަދަ މުއަހަދާއެއް އެކުލަވާލުމުގައި އެއްބަސްވާ 81 މެންބަރު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގައި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި އެއްބަސްވުމެއް އޮތުމުގެ ބޭނުންތެރިކަމާ މެދު ގިނަ ގައުމުތަކުން އެއްބަސްވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން އިސްނަގައިގެން ގައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ސިންގަލްޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ މައުލޫމާތު ވަނީ މި ބައްދަލުވުމުގެ މެންބަރު ގައުމުތަކުގެ އިސްވެރިންނާ ހިއްސާކޮށްފައެވެ.
މި މުއާހަދާއިގާ ޕްލާސްޓިކު އުފެއްދުމާއި ބޭނުންކުރުމާއި މިތަކެތި ކުނީގެ ގޮތުގައި ނެތިފާނެވެގެން ދިޔުމާ ހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް ވަނީ އަލިއަޅުވާލާފައެވެ.
ރައްކާތެރިގޮތުގައި ކެމިކަލް އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ރިސޮލިއުޝަނެއްވެސް މި އެސެމްބްލީއަށް ހުށައަޅާފައި ވާއިރު ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަނަށް ތިމާވެށީގެ އެކި މައްސަލަތަށް ހައްލުކުރުމަށް ޖުމްލަ 17 ރިސޮލިއުޝަން ވެސް ވަނީ ހުށައަޅާފައެވެ.