ރަޝިއާ އާއި ޔޫކްރައިނާ ދެމެދު ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅެއްގައި، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަށް ވަފާތެރި ބައެއް މަހުޖަނުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާތީ އެ މަހުޖަނުންގެ ޔޮޓުތައް ރާއްޖެއަށް އަންނަން ހިފާފައިވާ ކަމަށް، ބޭރުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އޭއެފްޕީ އާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން މީގެ ހަތަރު އަހަރު ކުރިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ބިލިއަނަރު އަދި އެލުމިނިއަމްގެ ވިޔަފާރިވެރިއެއް ކަމަށްވާ އޯލެގް ޑެރިޕަސްކާގެ ޔޮޓެއް ކަމަށްވާ ކްލިއޯ ވަނީ އިއްޔެގެ ވަގުތެއްގައި މާލެއަށް އައިސް ބަނދަރު ކޮށްފައެވެ.

މިކަން އެމްޕީއެލްގެ އޮފިޝަލުންވެސް ކަށަވަރު ކޮށްދީފައިވާއިރު، އެމްޕީއެލުން ބުނެފައިވަނީ އޯލެގް ޑެރިފަސްކާގެ ޔޮޓް ބަނދަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ޑެރިޕަސްކާގެ ޔޮޓް ކްލިއޯގެ އިތުރުން، ސްޓީލްގެ ވިޔަފާރިކުރާ އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް ޓައިޓަންވެސް އޮތީ ރާއްޖޭގައި ކަމަށް އެމްޕީއެލްގެ އޮފިޝަލުން އޭއެފްޕީއަށް ކަށަވަރު ކޮށްދީފައިވެއެވެ.

އޭގެ އިތުރުން އަދި އިތުރު ދެ ޔޮޓެއް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށް ސީއެންބީސީން ބުންޏެވެ. ސަބަބަކީ ކުށްވެރިން ބަދަލުކުރާ އެއްބަސްވުމެއް ރާއްޖެއާއި އެމެރިކާ އާ ދެމެެދު ގާއިމްވެފައި ނެތުމެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ލިބިފައި ނުވާއިރު، ޓޫރިޒަމްގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖެނުއަރީ މަހު ރަޝިއާގެ 20،973 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ޔޫކްރައިންގެ 7،210 މީހުން އައިސްފައިވެއެވެ.

މިކަމާ ގުޅިގެން އަދި ސަރުކާރުގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.