އަފްގާނިސްތާނުގެ ރައްޔިތުންގެ ތެރެއިން ސައްހަ ލިޔެކިއުން އޮތް މީހުންނަށް، އެ ގައުމުން ބޭރަށް ދަތުރު ކުރެވިދާނެ ކަމަށް، އަފްގާނިސްތާނު ކޮންޓްރޯލް ކުރަމުން އަންނަ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ހާމަ ކޮށްފިއެވެ.

ތޯލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީއުއްލާ މުޖާހިދު ބުނީ، ސައްހަ ލިޔެކިއުންތަކުގެ އިތުރުން، ދައުވަތު އޮތް ކޮންމެ މީހަކަށްވެސް އަފްގާނިސްތާނުން ބޭރަށް ދެވިދާނެ ކަމަށެވެ. ޒަބީއުއްލާ މިކަން ހާމަކޮށްފައި މި ވަނީ، އަފްގާނިސްތާނުން ބޭރަށް ދަތުރު ކުރުމާ ދެކޮޅަށް ތޯލިބާނުން ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، އެމެރިކާއާއި އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށެވެ.

އަފްގާނިސްތާނުން ބޭރަށް ދަތުރު ކުރުމާ ދެކޮޅަށް މީގެ ކުރިން އިރުޝާދެއް ނެރުނީ ސައްހަ ލިޔެކިއުންތަކާ ނުލާ ދަތުރު ކުރާ މީހުންނާއި، ވަގުފާރި ކުރާ މީހުންނާއެކު ދަތުރު ކުރާ މީހުންނާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށްވެސް ތޯލިބާނުންގެ ތަރުޖަމާނު ވަނީ ހާމަ ކޮށްފައެވެ.

ތޯލިބާނުންގެ ތަރުޖަމާނު މީގެ ކުރިން ވަނީ، ނޭޓޯއާއި އެމެރިކާގެ ފައުޖުތަކާއެކު މަސައްކަތް ކުރި އަފްގާނިސްތާނުގެ ރައްޔިތުންނަށް އެ ގައުމުން ބޭރަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ހުންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެމީހުންނަށް އެއްވެސް ހާލެއްގައި ގައުމުން ބޭރަށް ދެވޭނެ ކަމެއް ސާފު ކޮށްދީފައެއް އޭރު ނުވެއެވެ.