ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމާގެ ތެރޭގައި، އިންޑިއާގެ ދަރިވަރެއްގެ ފުރާނަ ގެއްލިއްޖެއެވެ.

ނަވީން ޝޭކަރަގޮޑާގެ ފުރާނަ ގެއްލުނީ ޒަރޫރީ ބައެއް ތަކެތި ގަތުމަށް ވިޔަފާރިއަށް ނިކުމެ އުޅުނު ވަގުތެއްގައި، ހަމަލާ އަމާޒުވެގެން ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ޔޫކްރައިންގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިންޑިއާ ދަރިވަރެއްގެ ފުރާނަ ގެއްލިގެން ރިޕޯޓް ކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ހާރިޖިއްޔާއިންވެސް ވަނީ ނަވީން މަރުވިކަން އޭނާގެ އާއިލާއަށް ކަށަވަރު ކޮށްދީފައި ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީވެސް ވަނީ ނަވީންގެ އާއިލާއާ މިއަދުގެ ވަގުތެއްގައި ވާހަކަފުޅުދައްކަވާފައެވެ.

އިންޑިއާގެ ހާރިޖިއްޔާއިން ހަބަރު ދޭ ގޮތުގައި ނަވީންގެ ހަށިގަނޑު މިވަގުތު އޮތީ މޯގްއެއްގައެވެ. އަދި އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެނައުމަށް ކުރެވެން ހުރި، ހުރިހާ މަސައްކަތެއްވެސް ދަނީ ކުރަމުންނެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓަށް ނިސްބަތްވާ ނަވީންގެ އާއިލާއާ ހަވާލާދީ އިންޑިއާއިން މީޑިއާއިން ރިޕޯޓް ކޮށްފައި ގޮތުގައި، އޭނާއަކީ ހަނގުރާމަ އެންމެ ގަދަވެފައިވާ އެއް ސަރަހައްދު ކަމުގައި ވާ ހަރްކީވްގެ މެޑިކަލް ކޮލެޖުގައި މަތީ ތައުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރެކެވެ. މިއީ އޭނާގެ 4 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

ނަވީންގެ އާއިލާއިން ބުނާ ގޮތުގައި އޭނާއަކީ ދުވާލަކު ދެތިން ފަހަރު، ފޯނު ކުރާ ޒުވާނެކެވެ. އެގޮތުން މިއަދު ހެނދުނުވެސް ނަވީންގެ ކޯލެއް ލިބުނު ކަމަށްވެއެވެ.