އާންމު ތަނެއްގައި ތަކުރާރުކޮށް "އިންޑިއާ އައުޓް" ޖަހައިގެން ހައްޔަރުކުރި ދެ މީހުން ހަފްތާއެއްގެ މުއްދަތަކަށް ބަންދު ކޮށްފިއެވެ.
ފުލުހުން ބުނީ، ފޭދޫގައި ތަރައްގީ ކުރަމުންދާ ޕްރީސްކޫލެއްގެ ބޭރު ފާރުގައި ތަކުރާރުކޮށް ކުރަހާފައިވާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ކަމަށެވެ.
އަދި އެ ދެ މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިދިޔަ އާދީއްތަ ދުވަހު ފުލުހުން މި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އެ ދެ މީހުންގެ މައްޗަށް ހަތް ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، އެ ދެ މީހުން ދޫކޮށްލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ސަރުކާރަށް އިއްޔެ ގޮވާލައިފައެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރީނދޫ ކުލަލާފައިވާ ފޭދޫގެ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހިކަމަށް ބުނެ، އިއްޔެގެ ވަގުތެއްގައި އެ ރަށުން ދެ ޒުވާނުން ހައްޔަރުކޮށް އާދީއްތަ ދުވަހުގެރޭ ށ. ފުނަދޫ ޕޮލިސް ސްޓޭޝަން ގައި "ރަހީނުކޮށްފައި" ބޭތިއްބުމަށްފަހު، އިއްޔެ ކޯޓަށް ގެންގޮސް އެ ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށާއި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މިފަދައިން ޒުވާނުންގެ ބަޔަކު ހައްޔަރުކޮށް މުއްދަތު ޖެހުމުން ދިވެހި ސަރުކާރު އިންޑިއާގެ އުނގަށް ވެއްޓިފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ.
މިދިޔަ ޖެނުއަރީ މަހު ށ. ފުނަދޫ ސްކޫލްގެ ފާރުގައި އިންޑިއާ އައުޓް ޖަހައި، ސްޕްރޭ ކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ
އިދިކޮޅުން އަންނަނީ ރަށްރަށުގައިވެސް އިންޑިއާ އައުޓް ހަރަކާތް ފުޅާކުރަމުންނެވެ. ފަސް އަހަރުގެ ޖަލު ހުކުމަކުން ޔާމީން މިނިވަންވެ ވަޑައިގަތުމާއެކު، މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ފާސް ކުރުމަށް ފަހު، ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށް ހުށަހަޅާފައި ވެއެވެ.
އެ ބިލްގެ ޑްރާފްޓްގައިވާ ގޮތުން ދޭދޭ ގައުމުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލުކޮށް ވާހަކަ ދައްކާނަމަ ހަ މަސް ދުވަހަށް ޖަލަށްލުމާއެކު އެއް އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރެވެއެވެ. އަދި 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ.