މާދަމާއިން ފެށިގެން މަސްދަޅު އަގުބޮޑުވާތީ ގިނަ ބަޔަކު މިފްކޯ މަސްފިހާރައަށް ވަދެ އެތަން ފުރާލައިފިއެވެ.

އެތަނުގައި ހުރި "ދަ ޕްރެސް" ގެ ނޫސްވެރިޔާ ބުނީ، އޭނާ އެތާ ހުރި ވަގުތުތަކުގައިވެސް ފިހާރަ އޮތީ ތޮއްޖެހިފައި ކަމަށާއި، ގިނަ ބަޔަކު ކޭހުން، ދެކޭހުން ގަންނަމުން ދިޔަ ކަމަށެވެ.

މިފްކޯއިން އުފައްދާ މަސްދަޅުގެ އަގު މާދަމާ އިން ފެށިގެން ބޮޑުވާނެ ކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފައެވެ.

މިފްކޯއިން ބުނެފައި ވަނީ މަސްދަޅުގެ އަގު ބޮޑުވަނީ އެ ކުންފުންޏަކީ މައިގަނޑު ތެލުގެ މައްޗަށް ބަރޯސާވެފައި އޮންނަ ކުންފުންޏަކަށް ވެފައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާއެކު އެ ކުންފުނީގެ ހަރަދުތަކަށް އޭގެ އަސަރު ކުރާތީ ކަމަށެވެ.

މަސް ކޭސް ގަތުމަށް މިފްކޯގެ މަސްފިހާރައިގައި މީހުން ކިޔު ހަދާފައި / ފޮޓޯ: ދަ ޕްރެސް

އަގުތަކަށް އަންނަ ބަދަލާ އެކު މިފްކޯ އިން ވިއްކާ މަސްދަޅު ކޭހަކުން 50 ނުވަތަ 60 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުވެއެވެ.

ބާޒާރުގައި މިހާރު މިފްކޯ މަސްދަޅުގެ އަގުތައް:

  • 48 ދަޅުގެ ތެޔޮ މަސްދަޅު ކޭސް 610 ރުފިޔާއަށް
  • 24 ދަޅުގެ ތެޔޮ މަސްދަޅު ކޭސް 305 ރުފިޔާއަށް

މާދަމާ މާޗް ފެށޭއިރު، މާޗު މަހު ފުރަތަމަ ހަފްތާ އިން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަލާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފައެވެ. އަދި އެ އަގުތަކަކީ ފްލަކްޗުއޭޓް ނުވަތަ ބަދަލުވާ އަގުތަކަކަށް ވާއިރު، ސަރުކާރުގެ އެ ސިޔާސަތު ތަންފީޒު ކުރާ ހަފްތާގައި އަގުތައް ހުންނާނެ ގޮތުގެ އަންދާޒާއެއް އަދި ނެތެވެ.

ރާއްޖޭގައި މިފްކޯގެ އިތުރުން އެންސިސްގެ އުފެއްދުންތަކާއި، ރާއްޖެއިން ބޭރުގައި ބަންދުކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކާ ދަޅުމަސް ލިބެން ހުރެއެވެ.