ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މާލޭ ސިޓީގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އުމުރުން 29 އަހަރުގެ އާމިނަތު އީމާން "ކްލިނިކަލީ ޑެޑް" ނަމަވެސް ނިޔާވި ކަމަށް ރަސްމީކޮށް ނުނިންމާ ކަމަށް އޭޑީކޭއިން ބުނެފިއެވެ. ކްލިނިކަލީ ޑޭޑް ވުމަކީ ހަށިގަނޑުގައި ވިންދު ހުރި ނަމަވެސް ސިކުނޑިއާއެކު އިތުރު އެއްވެސް ހަރަކާތެއް ނެތި ހަށިގަނޑު އޮންނަ އޮތުމަށް ބޭނުން ކުރާ މެޑިކަލް ޓާމެވެ.

އީމާން އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ. ވިންދުވެސް ހުރި ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ. އީމާންގެ އާއިލާއާއި އީމާންއަށް ފަރުވާދޭ ބައެއް ޑޮކްޓަރުންނާ ހަވާލާދީ ކްލިނިކަލީ ނިޔާވެފައި ވާ ކަމަށް ކުރިން ރިޕޯޓު ކުރީ މާލޭ ސިޓީ ކައުންސިލާއި ޑަބްޑިޔުޑީސީން ދިން މަަައުލޫމާތުގެ މައްޗަށެވެ.

އީމާން ހާލު ދެރަވި އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާ ދުއްވާފައި ދިޔަ މަގުގައި، ކުލަމަޑުކަމުން ބަމްޕަރެއް އޮތްކަން އޭނާއަށް ނޭނގުމުން ދިޔަ ބާރުމިނުގައި ބަމްޕަރުމަތިން ގޮސް ކައްސާލައިގެން ވެއްޓުމުންނެވެ.

އީމާން، ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތް އިރު ބޮލާ ދިމާލުން މަގުމައްޗަށް ލޭ ފައިބައިފާ ހުއްޓެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ކުރެދިމާ ހިނގުމުން އިއްޔެ ހަވީރު 4:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.