ރަޝިއާއިން ޔޫކްރައިންއަށް އަރާ ހިންގަމުންދާ ޖަރީމާތަކުގައި ޔޫކްރައިން އާންމުންގެ 352 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށާ، އޭގެ ތެރޭގައި 14 ކުޑަކުއްޖަކު ހިމެނޭ ކަމަށް ޔޫކްރައިންގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ފުރިހަމަ ބަރާއެކު ޔޫކްރައިންއަށް އެރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށެވެ.

މި އުދުވާންތަކުގައި ޔޫކްރައިނުން 1684 މީހަކު ޒަހަމް ވެފައި ވާއިރު، އޭގެ ތެރޭގައި 116 ކުޑަކުދިން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާގެ އުދުވާންތަކުން ސަލާމަތް ވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޔޫކްރައިން ދޫކޮށް، ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފައެވެ. އަދި ޔޫކްރައިން ދޫކޮށް ދިއުމަށް ހަދާފައިވާ ސަފުތައް، އެތައް ކިލޯމީޓަރަކަށް ދެމިގެން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިންގެ އަވަށްޓެރި ގައުމުތަކުން ވަނީ، ޔޫކްރައިންގެ ރެފިއުޖީންނަށްޓަކާ ބޯޑަރު ހުޅުވާލާފައެވެ. އަދި އިންސާނީ އެހީގެ ސަޕްލައި ފޯރުކޮށްދިނުމުގެ ކަންކަން ފަހި ކޮށްދިނުމަށް އެހީދޭ ޖަމިއްޔާތަކުންވެސް ވަނީ ގޮވާލާފައެވެ.

ކަން މިހެން އޮތް އިރު ޔޫކްރައިންގެ އަސްކަރިއްޔާއިން ވަނީ ގައުމުގެ ދިފާއުގައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު އަސްކަރިއްޔާއާ ގުޅުމަށް ގޮވާލާފައެވެ. އެގޮތުން އުމުރަކަށްވެސް ބެލުމެއް ނެތި އަސްކަރިއްޔާއަށް ރެކްރޫޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ހަބަރު ލިބެއެވެ. ޔޫކްރޭނުން ވަނީ، ގައުމުގެ ދިފާއުގައި ނިކުންނަ މީހުންނަށް ހަތިޔާރު ފޯރުކޮށްދޭނެ ކަންވެސް ހާމަ ކޮށްފައެވެ.