މަޝްހޫރު މަހުޖަނު އީލޯން މަސްކުގެ ސްޕޭސްއެކްސް ކުންފުނީގެ ސްޓާލިންކް ސެޓެލައިޓް މެދުވެރިކޮށް، ޔޫކްރައިންގައި އިންޓަނެޓް ހިދުމަތް ދޭން ފަށައިފިއެވެ.

ޔޫކްރައިންގެ ބޮޑުވަޒީރުގެ ނައިބު މައިކާލޯ ފެދްރޯފް ވަނީ، ރަޝިއާގެ ހަމަލާތަކުގެ ޝިކާރައަކަށް ވާ އޭނާގެ ގައުމަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް، ސްޕޭސްއެކްސްގެ ސީއީއޯ މަސްކްގެ ކިބައިން ނުސީދާ ގޮތެއްގައި އެދިވަޑައިގެންފައެވެ.

މަސްކަށް ކުރެއްވި ޓްވީޓެއްގައި ފެދްރޯފް ވަނީ، ސްޕޭސްއެކްސް ކުންފުނީގެ ރޮކެޓްތައް ޖައްވަށް ދަތުރު ކޮށް މާސް ތަރީގައި ވަޒަންވެރިވުމަށް މަސައްކަތް ކުރާއިރު ރަޝިއާއިން ޔޫކްރައިންގެ އާންމުންނަށް ރޮކެޓް ހަމަލާ އަމާޒު ކުރަމުން އަންނަ ކަމަށެވެ. އަދި ޔޫކްރައިންގެ ރައްޔިތުންނަށް ސްޓާލިންކް މެދުވެރިކޮށް އިންޓަނެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާދޭން އެދޭ ކަމަށެވެ.

ފެދްރޯފްގެ ޓްވީޓަށް ރައްދު ދެމުން މަސްކު ވަނީ، ޔޫކްރައިންއަށް ސްޓާލިންކްގެ ހިދުމަތް މިހާރު އެކްޓިވް ވާނެ ކަމަށާ، އިތުރު ރޫޓުތައްވެސް ކުރިއަށް ހުރި ކަމަށް ބުނެފައެވެ.

ކަންމިހެން އޮތް ރަޝިއާގެ ސަރުކާރުން، އިންޓަނެޓްގެ ހިދުމަތްތައް ކޮންޓްރޯލް ކުރާ ކަމުގެ ހަބަރުތަކެއް ވަނީ ފެންމަތިވެއެވެ.

ސްޓާލިންކް އިންޓަނެޓް ހިދުމަތަކީ ބަރޯސާވެވޭ އިންޓަނެޓްގެ ހިދުމަތުން މަހްރޫމުވެފައިވާ މީހުންވެސް ހިމެނޭހެން ދުނިޔޭގެ ހުރިހާ ކަންކަޅުތަކަކަށް، އިތުބާރު ހިފޭ އިންޓަނެޓް ފޯރުކޮށްދިނުމަށް މަސްކުގެ ސްޕޭސްއެކްސް ކުންފުނިން ތަރައްގީ ކޮށްފައިވާ ސެޓްލައިޓް އިންޓަނެޓް ހިދުމަތެކެވެ.