ބައިނަލްއަގުވާމީ ޕޭމަންޓް ނިޒާމް "ސްވިފްޓް" އިން ރަޝިއާގެ ބޭންކުތައް އެކަހެރި ކުރުމަށް ވިލާތުގެ އިއްތިހާދު، އެމެރިކާ އަދި އެ ގައުމުތަކުގެ ބައިވެރިން ނިންމައިފިއެވެ.

މީގެ އިތުރުން ރަޝިއާގެ މަރުކަޒީ ބޭންކުގެ އެސެޓްތައް ފްރީޒްކޮށް، ބޭރު ގައުމުތަކުގައި ހުރި ރަޝިއާގެ ރިޒާވްއަށް ވާސިލުވުމަށް ރަޝިއާއަށް އޮތް ފުރުސަތުތައް ހަނި ކުރުމަށްވެސް ހުޅަނގުގެ ބާރުތަކުން ވަނީ ނިންމާފައެވެ.

މި ގައުމުތަކުން އާންމު ކުރި ގުޅިފައި ވާ ބަޔާނުގައި ބުނެފައި ވަނީ، މި ފިޔަވަޅުގެ މަގުސަދަކީ ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއިން، އަދިވެސް އިތުރަށް ރަޝިއާ އެކަހެރި ކުރުން ކަމަށެވެ.

ރަޝިއާއަކީ އެ ގައުމުގެ ތެލާއި ގޭހުގެ އެކްސްޕޯޓް ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދިއުމުގައި "ސްވިފްޓް" ނިޒާމަށް އިންތިހާއަށް ބަރޯސާވެފައި އޮތް ގައުމެކެވެ.

"ސްވިފްޓް" ނިޒާމުން ރަޝިއާ އެކަހެރި ކުރަން ނިންމި ނިންމުމަކީ، ރަޝިއާއިން އަސްކަރީ ބާރާއެކު ޔޫކްރައިންއަށް އަރާ، ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރަޝިއާއާ ދެކޮޅަށް މިހާތަނަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމަށް މައުލޫމާތު ލިބެއެވެ.

"ސްވިފްޓް" ނުވަތަ ސޮސައިޓީ ފޮ ވޯލްޑްވައިޑް އިންޓަބޭންކް ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން އަކީ، ބޯޑަރު ހުރަސްކޮށް އެއް ގައުމުން އަނެއް ގައުމަށް، ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމަށް އެހީވެދޭ، ރައްކާތެރި މެސެޖު ސިސްޓަމެކެވެ. މިއާއެކު ބައިނަލްއަގުވާމީ ވިޔަފާރިއަށް މަގު ތަނަވަސްވެގެންދެއެވެ.

ބެލްޖިއަމްގައި މަރުކަޒު ކޮށްފައިވާ "ސްވިފްޓް" ނިޒާމުގެ ތެރެއިން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 11000 އަށް ވުރެ ގިނަ ބޭންކާއި މާލީ އިދާރާތަކާ މުއާމަލާތު ކުރެއެވެ. ދުނިޔޭގެ އިގުތިސޯދު ކުރިއެރުވުމަށް "ސްވިފްޓް" ނިޒާމުން ބޮޑު ފައިދާއެއް ކޮށްދެއެވެ.

"ސްވިފްޓް" ނިޒާމުން ބޭންކުތަކެއް ވަކި ކުރުމުގެ އަސަރު ބޮޑުވާނެއެވެ. އެހެނީ، ހުރިހާ ބޭންކުންތަކަކުންވެސް ބޭނުން ކުރާ ނިޒާމެއް ކަމުގައި "ސްވިފްޓް" ނިޒާމުވުމެވެ.