ޔޫކްރައިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޔޫކްރައިންގައި ތިބި އެކި ފަރާތްތަކުން އެގައުމު ދޫކޮށް ދާން މަސައްކަތް ކުރާ އިރު އޭގެ ތެރޭގައި ހިމެނޭ 8 ދިވެއްސަކު ނުނިކުމެވި ރަޝިއާ ބޯޑަރުގައި އެބަތިއްބެއެވެ.
"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން އެތަނުން ދަރިވަރަކު ބުނީ، އެމީހުން މިވަގުތު ތިބީ ހާކީވް އާއި ރަޝިއާ ގުޅޭ ބޯޑަރުގައި ކަމަށާއި، ޔޫކްރައިން ދޫކޮށް ދެވޭނެ ގޮތްތައް ބަލަމުން ދާ ކަމަށެވެ. ނަމަވެސް ވައިގެ މަގު ބަންދުވެފައި ވުމުގެ އިތުރުން އެއްގަމު މަގުތަކުން ދަތުރު ކުރުމުގައި ރައްކާތެރިކަން ކަށަވަރު ނުވުމާއެކު އަދި ޔޫކްރައިން އިން ފޭބޭނެ ގޮތް ނުވާ ކަމަށެވެ.
އެ ދަރިވަރު ބުނީ، އެމީހުން މިހާރު ތިބި ތަނުން އެއްގަމު މަގު ހުރަސްކޮށް ދާން އޮތް ސަރަހައްދުގައިވެސް ހަނގުރާމަ ހިނގަމުން ދާތީ އެގޮތްވެސް ރައްކާތެރި ނޫން ކަމަށެވެ. އަދި މިވަގުތު އެ ދަރިވަރުން ތިބީ ހާކީވްގެ ބިންގަރާސް މަގެއް (އަންޑަގްރައުންޑް) ގައި ކަމަށާއި، އެތާނގައި އެ ދަރިވަރުންގެ އިތުރުން އެކި ގައުމުތަކު މީހުންވެސް ތިބި ކަމަށް ބުންޏެވެ. އޭގެ ތެރޭގައި އިންޑިއާއާއި އެހެނިހެން ގައުމުތަކުގެ މީހުން ތިބި ކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ.
އެ ދަރިވަރުން ހާކީވް ގައި ތާށިވެފައި ތިބި އިރު ރަޝިއާއިން ދެމުން ގެންދާ ހަމަލާތަކުގައި ބޭނުން ކުރާ ބޮޑު ރޮކެޓެއްވެސް އެ ސިޓީގެ މަގުމައްޗަށް ވެއްޓިފައިވެއެވެ. އެ ފޮޓޯ ހިއްސާ ކުރަމުން ދަރިވަރު ބުނީ، ހާލަތު ގޯސް ކަމަށާއި ބިރުވެރިކަން ބޮޑުކަމަށެވެ.
ރަޝިއާއިން ޔޫކްރައިންގެ ވެރިރަށާ ގާތަށް ޖެހިލައިފައިވާ އިރު، އެގަމުގެ ރައްޔިތުންނާއި އެގައުމުގައި އެކި ބޭނުންތަކުގައި އުޅޭ މީހުން ދަނީ ގައުމު ދޫކޮށް ދަތުރުކުރަމުންނެވެ.
މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސްފައި ވާކަމަށެވެ.
ހާކީވްގައި ތިބި ދިވެހިންނާއި، ނިޕްރޯގައި ހުރި ދަރިވަރުވެސް އެމަގުން ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. މިނިސްޓްރީން އިތުރަށް ބުނީ ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަލާތަކުގެ ސަބަބުން ރާއްޖެއަށް ނާދެވިފައިތިބި 21 ދަރިވަރަކަށް މިވަގުތު މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.
ޔޫކްރައިންގައި ތިބި ދިވެހި ދަރިވަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރާކަން ހާމަ ކުރަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ޔޫކްރައިންގައި ތިބި ދަރިވަރުންގެ ހާލު ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ގާތުން ބަލަމުން ދާ ކަމަށާއި ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައެވެ.