އަދާ ޖެހުނުއިރުވެސް އެ ފެންވަރުގެ ދެވަނަ ޓީވީ ސީރީޒްއެއް އުފެއްދިފައި ނުވާ ކަމަށް ގިނަ ބަޔަކު ވަކާލާތު ކުރަމުން އަންނަ "ފްރެންޑްސް"ގެ މަންޒަރުތައް ޝޫޓް ކުރިއިރު، އެ ސީރީޒްގެ އެއް ބަތޮލް ކަމަށް ވާ މެތިއު ޕެރީ ދިޔައީ އޭނާގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ޕްރެޝާ ކުރަމުން ކަމަށް، ބަތޮލާ ކޯޓްނީ ކޮކްސް ބުނެފިއެވެ.

"ފްރެންޑްސް"ގެ ޝޫޓިންގްތައް ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދައްކަމުން، އެ ސީރީޒްގައި "މޮނިކާ ގެލާ"ގެ ރޯލުން ފެނިގެން ދިޔަ ކޯޓްނީ ކޮކްސް ވަނީ، އެ ސީރީޒްގައި "ޗޭންޑްލާ ބިންގް"ގެ ރޯލު ކުޅުނު މެތިއު ޕެރީއަށް އަނގަ އޮޅުން ފަދަ ކަންކަން ދިމާވެ، އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒުވި ކަމަށެވެ.

ޕެރީއަކީ ރާ ބުއިމާއި މަސްތުވުމުގެ އަވާގައި ޖެހި، އެކަމުގެ ޝިކާރައަކަށް ވީ މީހެއް ކަމަށް، 2002 ވަނަ އަހަރު، ހުދު އޭނާވެސް ވަނީ އިއުތިރާފުވެފައެވެ. އެގޮތުން "ފްރެންޑްސް"ގެ 3 ސީޒަނެއް ރެކޯޑް ކުރި ކުރުމުގެ ހަނދާންތައް އެއްވެސް ވަރަކަށް ނެތް ކަމަށްވެސް ޕެރީ ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ގެނެސްދިން "ފްރެންޑްސް"ގެ ހާއްސަ ރީޔޫނިއަން އެޕިސޯޑްގައިވެސް ޕެރީ ވަނީ، ޗޭންޑްލާގެ ރޯލު ކުޅެމުން ދިޔައިރު އޯޑިއަންސްގެ ފަރާތުން ލިބުނު ފާޑުކިއުންތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކޮށްފައި ވާ ކަން ހާމަކޮށްފައެވެ.

ކޮކްސް ބުނި ގޮތުގައި ޕެރީގެ އަމިއްލަ ނަފުސުގެ އަގު ވަޒަން ކުރުންވެސް އޭނާ ގުޅުވަމުން ދިޔައީ އޯޑިއަންސްގެ ފަރާތުން ލިބުނު ތަރުހީބުގެ މައްޗަށެވެ.

ޕެރީ ދަނީ، އޭނާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އަމިއްލައަށް ލިޔެފައި ވާ ފޮތެއް، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ޝާއިއު ކުރުމަށް މަސައްކަތް ކުރަމުންނެވެ.