ފުރަތަމަ ފަހަރަށް ސަރުކާރުގެ ފަރާތުން ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރިލަޔަންސް ޖިއޯ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އިއްޔެ ހެނދުނު ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަބްމެރިން ކޭބަލްގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައި ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެސްސީ) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ޗެއާޕާސަން ރިޔާޒް މަންސޫރުއެވެ. އަދި ރިލަޔަންސް ޖިއޯ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ ކުންފުނީގެ ރައީސް އަދި ބޯޑު މެންބަރު މެތިއު އޫމަންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް އެޅުމަކީ ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށާއި މި މަސައްކަތުން މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކަށް އޮތް ކޮމްޕެޓިޝަނެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދުނިޔޭގެ ދެ ބިތުގައި ދެ ކަނެކްޝަނެއް ތައާރަފުކުރާނެ އެވެ. އަދި ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަގްރޭޝަންތައް ލިބޭނެ އެވެ. މިއާ އެކު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަަކަށް މި ކޭބަލް ބޭނުންކޮށްގެން މިހާރަށްވުރެ ހަރަދު ކުޑަކޮށް ހިދުމަތް ދެވޭނެ އެވެ.

މި ކޭބަލާ އެކު އިންޓަނެޓް ގަންނަން ކުރާ ހޭދަ ކުޑަވެ، ޑޭޓާ އާއި އިންޓަނެޓަށް ސަރުކާރުން ކުރާ ހަރަދު ދެ ގުނައަށް ކުޑަވާނެ ކަމަށް އޯޝަން ކަނެކްޓުން ލަފާ ކުރެ އެވެ. އަދި މިއާއެކު އިންޓަނެޓުގެ ކެޕޭސިޓީ ވެސް ދެ ގުނައަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ލަފާ ކުރެއެވެ.

މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުނެއެވެ. އަދި އައިއޭއެސް އިން ހިދުމަތަށް ތައްޔާރު ވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް އެ ކުންފުނިން ބުނެއެވެ.