މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ބަންދު ކޮށްފައި އޮންނަތާ ގާތްގަނޑަކަށް 2 އަހަރެއްހާ ދުވަސް ފަހުން، އޮސްޓްރޭލިއާގެ ބައިނަލްއަގުވާމީ ބޯޑަރު، ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

މިއާއެކު ދެތަން ވެފައި ވާ އާއިލާތަކަށް އުފާވެރިކަން ލިބި، ހަލުވި ދުވެލީގައި ފަތުރުވެރިކަން ކުރިއަރާ ދާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާއިން އެ ގައުމުގެ ބޯޑަރު، ބަންދު ކުރީ މާޗް 2020 ގައެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ބައެއް މީހުންނާ، އެނޫންވެސް މަދު ބަޔަކަށް އެ ގައުމުގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރު ނިމެން ދަނިކޮށެވެ. ނަމަވެސް، ބައިނަލްއަގުވާމީ ގިނަ ދަތުރުވެރިންނަށް ޖެހުނީ އޮސްޓްރޭލިއާއަށް އެތެރެ ނުވެ، މަޑުޖެހިލާށެވެ.

ބައިނަލްއަގުވާމީ ދަތުރުވެރިންނަށް އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވާލުމާއެކު، މިއަދު ހެނދުނު ސިޑްނީ އެއާޕޯޓުން ފެންނަމުން ދިޔައީ އުފާވެރި މަންޒަރުތަކެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަ ކުރެއެވެ. އެކި ފްލައިޓްތަކުގައި އެތައް ސަތޭކަ ބަޔަކު މިހާރުވެސް އޮސްޓްރޭލިއާއަށް އެތެރެ ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބިދޭސީ ދަތުރުވެރިންނަށް އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވާލާފައި ވަނީ ވަކި އުސޫލަކުންނެވެ. އެގޮތުން ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންނަށް ކަރަންޓީނު ލާޒިމު ނުވި ނަމަވެސް، ވެކްސިން ނުޖަހާ މީހުން، އަމިއްލަ ހަރަދުގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ.

މިއަދު އެކަނިވެސް ބައިނަލްއަގުވާމީ އުދުހުންތަކުގެ 50 އަށް ވުރެ ގިނަ ފްލައިޓް އޮސްޓްރޭލިއާއަށް ދަތުރު ކުރި ނަމަވެސް، ވެސްޓާން އޮސްޓްރޭލިއާ ސަރަހައްދަށް އަދި އެތެރެ ނުވެވޭނެ ކަމަށް ހަބަރު ލިބެއެވެ. އެސަރަހައްދު ހުޅުވާލާނީ މާޗް 3 ވަނަ ދުވަހު ކަމަށް ވާއިރު، 3 ޑޯޒްގެ ވެކްސިން ފުރިހަމަ ކުރުންވެސް ލާޒިމު ކަމަށް މައުލޫމާތު ލިބެއެވެ.