ބަހުގެ ސިންދަފާތުކަން ނުވަތަ ޑައިވަސިޓީ ހިމާޔަތް ކުރުމަށްޓަކާ ޓެކްނޮލޮޖީއަކީ މުހިންމު އާލާތްތަކެއް ފޯރުކޮށްދެނިވި ފާލަމެއް ކަމަށް، ތައުލީމާއި، ސައެންސާއި، ސަގާފަތާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ)ގެ ޑައިރެކްޓާ ޖެނެރަލް އޯޑްރޭ އަޒޫލޭ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި މެންބަރު ގައުމުތަކަށް ދެއްވި މެސެޖުގައި އަޒޫލޭ ވިދާޅުވީ، އެ ބަހަކުން ހަމައެކަނި ވާހަކަ ދައްކާ އުޅޭ ބަސްތައް ރެކޯޑްކޮށް، މުސްތަގުބަލަށް ރައްކާ ކުރުން ފަދަ ކަންކަމުގައި ޓެކްނޮލޮޖީއަށް އަދާ ކުރެވޭ ދައުރު ބޮޑު ކަމަށެވެ. އަދި ޓެކްނޮލިޖީއަކީ އެތަނެއްގައި ވާހަކަ ދައްކާ އުޅޭ ބަހުރުވަތައް، ތަރިކައިގެ ގޮތުގައި ހިއްސާ ކުރަނިވި ފާލަމެއް ކަމަށްވެސް އަޒޫލޭ ވަނީ ސިފަ ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، ޓެކްނޮލޮޖީގެ ސަބަބުން ބަހަށް ކުރާ ނޭދެވޭ އަސަރުގެ މައްޗަށް ވެސް އަޒޫލޭ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިންޓަނެޓްގެ ޒަރިއްޔާއިން އެއްތައްގަނޑަށް ބަސްމަގު ބައްޓަން ކުރުމުގެ ނުރައްކާ އޮންނަކަން އަޒޫލޭ ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް، ފަރިތަކަމާއެކު އެކި ބަސްބަހުން ވާހަކަ ދެއްކުމުގެ ފުރުސަތަކީވެސް ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން ހާސިލު ކުރެވިދާނެ ކަމެއް ކަމަށާ، އެކަން އެހެން ވާން އޮތީ، އެކަމަށް މަސައްކަތް ކޮށްގެން ކަމަށްވެސް އދގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ތަފާތު އެކި ބަސްތަކުން އޮންލައިން ޓޫލްތައް ބޭނުން ކުރެވޭނެ މަގު މި ވަނީ ކޮށަން ޖެހިފައެވެ. އަދުގެ ހާލަތަށް ބަލާއިރު، ޓެކްނޮލޮޖީގެ ދުނިޔޭގައި، މާދަރީ ބަސްތައް ހަވާސާ ކުރަން ޖެހޭ މީހުންގެ އަދަދު ގިނައެވެ.

ބަހެއް އުނގުނެނުން ނުވަތަ ހަނދާން ނެތުމަކީ ހަމައެކަނި މުއާސަލާތު ކުރާނެ ގޮތެއް އެނގި ނުވަތަ ގެއްލުން ނޫޏް ކަމަށާ، އެ ކަމަކީ ވަކި ދުނިޔެއެއް ފެނި ނުވަތަ ފަނޑުވެ ދިއުން ފަދަ ކަމެއް ކަމަށް ޔުނެސްކޯއިން ސިފަކުރެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރުމަށް ޔުނެސްކޯގެ އާންމު މަޖިލީހުން ނިންމީ 1999 ވަނަ އަހަރުއެވެ. 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާށް ބަހަކުން ވާހަކަ ދައްކާ އުޅުނު ކަމުގައި ވީ ނަމަވެސް، ތައުލީމީ ނިޒާމާއި އާންމު ވިއުގާތަކުން ޖާގަ ދެވިފައި ވަނީ މަދު ބަސްތަކަކަށެވެ. އަދި ޑިޖިޓަލް ދުނިޔެއިން ފުރުސަތު ދެވިފައި ވާ ބަސްތަކުގެ އަދަދު އުޅެނީ 100 އަށް ވުރެ ދަށުގައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، 40 ޕަސެންޓް މީހުންނަކީ، އެމީހުންނަށް ފަހުމްވާ ނުވަތަ އެމީހުން ވާހަކަ ދައްކާ އުޅޭ ބަހަކުން އިލްމު ހާސިލު ކުރުމުގެ ފުރުސަތު ނެތް މީހުންނެވެ. ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި ބަހުގެ ސިންދަފާތުކަން ހިމާޔަތް ކުރެވިދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ގަބޫލު ކުރައްވައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ މާދަރީ ބަހުގެ ދުވަހުގެ މިއަހަރުގެ ޝިއާރު ކަމުގައި ޔުނެސްކޯއިން ކަނޑައަޅާފައި ވަނީ، "ޔޫޒިންގް ޓެކްނޮލޮޖީ ފޮ މަލްޓިލިންގުއަލް ލާނިންގް: ޗެލެންޖާޒް އެންޑް އޮޕޮޗޫނިޓީޒް" މި ޝިއާރެވެ.