ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ، އެ ރަށެއްގެ ކައުންސިލަކުން ކަމަށް ކަނޑައަޅައި، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

އެ ގަވައިދުގައި މީގެ ކުރިން ބުނެފައިވަނީ، ރަށަކުން ނުވަތަ ސިޓީއަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ ޕްލޭނިން މިނިސްޓްރީގެ ލޭންޑް ވެލުއޭޝަން ކޮމިޓީން ކަމަށާއި، ބިން ދޫކުރާނެ މުއްދަތު ކަނޑައަޅާނީ ރަށެއްގައި ނަމަ ކައުންސިލުން ނުވަތަ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއަކުން، މިނިސްޓްރީގެ ހުއްދައާއި އެކުގައި ކަމަށެވެ.

މިއަދު އެ ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އެކި އެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ. އެގޮތަށް ބިން ދޫކުރާއިރު، އެ ބިމެއް ކުއްޔަށް ދޫކުރާ ރަށެއް ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި، އިގްތިސޯދީ ފުދުންތެރިކަމަށާއި، ލޭންޑް ޕްލޭން ޔޫސްގެ އަގަށް ރިއާޔަތްކުރަން ޖެހެއެވެ.

އަދި އިގްތިސޯދީ ފުދުންތެރިކަމަށާއި ޑިމާންޑަށް ބަލައި ކޮންމެ ދެ އަހަރަކުން އެއް އަހަރު އަގުތައް މުރާޖައާކޮށް ބަދަލު ގެނައުމުގެ ބާރުވެސް ކައުންސިލްތަކަށް ދީފައިވެއެވެ.

ހަމަ އެއާއެކު، އެންމެ ކުޑަ ކުލި ކަނޑައެޅުމަށްޓަކައި އެ ރަށްރަށާއި ސިޓީތަކުގެ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތަށް، އެ ސަރަހައްދުގެ ބިމުގެ އަގު ކަމަށް ކަނޑައަޅާފައިވާ އަގަށް ރިއާޔަތްކޮށް، އެ އަގަށް ވުރެ ކުޑަނުވާނެ ފަދަ ގޮތަކަށް ހިސާބުކޮށް ކުލި ކަނޑައެޅޭނެކަން ކައުންސިލްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމުގައިވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އިދާރާތަކާއި ރަށްތައް ލާމަރުކަޒުކޮށް ކައުންސިލްތަކަށް ބާރު ދިނުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އެހެންވެ، ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.