4 ދާއިރާއަކުން އެއްބާރުލުން ދިނުމަށް، އިކޮނަމިކް މިނިސްޓްރީން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއެމްއޯޔޫގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލްއެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ.

މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އިން މިހާތަނަށް ހޯދާފައިވާ ތަޖްރިބާ އާއި، އެންމެ ފަހުގެ ހޯދުންތަކާއި ތަފާސް ހިސާބުތަކުގެ އަލީގައި، މިނިސްޓްރީގައި ދިރާސާތައް ކުރުމަށް އެހީތެރިކަން ލިބި އަދި ދިރާސާތައް އިތުރު ދާއިރާތަކަށް ފުޅާކޮށް، މައުލޫމާތު ބަދަލުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަމައެހެންމެ ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން، މިނިސްޓްރީ އިން ހިންގާ އެކިއެކި ހަރަކާތްތަށް އިތުރަށް ފުޅާ ކުރުމަށާއި، ހަރުދަނާކުރުމަށްޓަކައި އެހީ ފޯރުކޮށްދޭ ތަފާތު އެކިއެކި ޖަމާއަތްތަކާއި މުއައްސަސާތަކުގެ އެހީއާއެކު، ގުޅިގެން މަސައްކަތްތައްކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އާއި މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުންއިތުރަށް ބަދަހިވެ، ޔޫއެންޑީޕީ އިން 2022 އިން 2026 އާ ހަމަޔަށް ހިންގުމަށް އެކުލަވާލާފައިވާ ދިވެހި ރާއްޖޭގެ އައުކަންޓްރީ ޕްރޮގްރާމް ޑޮކިއުމަންޓް ތަރައްގީކޮށް، މި ޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެމްއޯޔޫގައި އެއްބާރުލުމަށް އެއްބަސްވި ދާއިރާތަކަކީ:

  • ޑޭޓާ މެނޭޖްމެންޓު ހަރުދަނާ ކުރުމާއި، އިގްތިސާދީ ލަފާ ސަރުކާރަށް ދިނުން
  • މޫސުމީ ބަދަލުތަކާ ގުޅޭ އިންވެސްޓްމެންޓް ފުރުސަތުތައް ހޯދާ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ އިންވެސްޓްމެންޓް މެޕްތައް އެކުލަވާލުން
  • ނޫ އިގުތިސާދު ސިޔާސަތުގެ ދަށުން އިގުތިސާދު ސިިންދަފާތު ކުރުމަށާއި ކަނޑަށް ބަރޯސާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
  • އަންހެން ވިޔަފާރިވެރިންނަށާއި، އަންހެނުންގެ ކޮމިޓީތަކާއި، ޒުވާން ލީޑަރުންނަށް ޒަމާނީ ވިޔަފާރިތައް ބިނާކުރުމަށާއި، މޫސުމީ ބަދަލުތަކަށް ވިލުންވެރި ވިޔަފާރީގެ މޮޑެލްތައް އެކުލަވާލުމަށް އެހީވުން.

މި އެމްއޯޔޫގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން، ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، މި އެމްއޯޔޫގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ޑޭޓާގެ ބޭނުން ފުރިހަމަކޮށް ހިފުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް އެހީތެރިވުމާއި، ވިޔަފާރިއަށް ފަހިމާހައުލެއްގާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.

ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވްގެ ވާހަކަގައި، ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް މިންވަރު ދޭހަކޮށްދޭ ކަމާއި، ޑޭޓާގެ އަލީގައި، ސިޔާސަތުތައް ކަނޑައަޅައި، މިނިސްޓްރީގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތް މިންވަރު މިއެމްއޯޔޫ ގެ ސަބަބުން ހާމަވެގެން ދިޔަކަމަށް ފާހަގަކުރެއްވިއެވެ.