އިންޑިއާ ސަރުކާރުން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް ސާމާނު ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި މި ސާމާނުތަކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއެވެ. އަދި، އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަދިޔާކުރެއްވި 2800 ކިލޯ ގްރާމް ގެ މެޑިކަލް ސާމާނުގެ ތެރޭގައި ހިމެނެނީ ސިއްހީ އިމަޖެންސީގައި ބޭނުންކުރާ ބައެއް އާލާތްތަކާއި، ހޮސްޕިޓަލުގައި ބޭނުންކުރާ ބައެއް އާލާތްތަކެވެ.

އިންޑިއާއިން ސެނަހިޔާއަށް ހަދިޔާ ކުރި މެޑިކަލް ސާމާނު ބޯޓުން ބާލާފައި ފޮށިގަނޑުތަކުގައި / ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ސަރުކާރުން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް ސާމާނުތަކެއް ހަދިޔާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއް ލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ އަސްކަރިއްޔާގެ އިސް ވަފުދުގެ ބޭފުޅުންނާއި އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.