ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓޫރިޒަމްގެ ގާނޫނަށް ހިއްސާ ބަދަލުކުރުމަށް ބޭނުންވާ އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ޝަންގްރިއްލާ ރިސޯޓު ބަންދުކުރި ފަހުން، މިއަދާ ހަމައަށް އެ ރިސޯޓު ނުހުޅުވައި އޮތް މައްސަލާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓް ނުހުޅުވި އޮތީ ސަރުކާރުގެ ހިއްސާ ދޫނުކުރެވިގެން ކަމަށާއި، ހިއްސާ ދޫކޮށްލުމަށް ފަހު މި އަހަރުގެ ތެރޭ އަލުން ހުޅުވާނެ ކަމަށެވެ.

ނަމަވެސް ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވާނެ ތާރީހެއް އަދި ދަންނަވަން ދަތި ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރިސޯޓުގައި ސަރުކާރުގެ 30 ޕަސެންޓު ހިއްސާ އޮންނައިރު، އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ރިސޯޓަށް ލިބޭ ގެއްލުމުގައި ސަރުކާރުން ބައިވެރިވާން ޖެހޭނެއެވެ. އެހެންވެ، ލޯން ފައިނޭންސިންގެ ގޮތުގައި އެ ރިސޯޓަށް 68 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، ޝަންގްރިއްލާ ރިސޯޓުގައިވާ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށްޓަކައި ޓޫރިޒަމްގެ ގާނޫނަށް އިސްލާހެއް ގެނައި ނަމަވެސް، އެ އިސްލާހުގެ ދަށުން ހިއްސާ ބަދަލު ކުރުމަށްޓަކައި 80 މިލިއަން ރުފިޔާ ހަރަދުވާތީވެ، އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުގެ 30 ޕަސެންޓު ހިއްސާ ގަނެވޭ ގޮތަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާ އިސްލާހެއް މިހާރު ޑްރާފްޓްކުރަމުން ދާ ކަމަށާއި، އެ އިސްލާހު ދެ ހަފްތާގެ ތެރޭ ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއަށްފަހު ޝަންގްރިއްލާ ރިސޯޓު ހުޅުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫގައި ދެން ނުހުޅުވައި އޮތް ކެނެރީފް ރިސޯޓް ވަނީ މީގެ މަސްދުވަސް ކުރިން ހުޅުވައި އޮޕަރޭޝަނަށް ގެނެސްފައެވެ.